ޗައިނާގެ ވޫހާން ސިޓީން ފެތުރި މިހާރު މުޅި ދުނިޔެއަށްވެސް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އިނގިރޭސީ ވިލާތުންވެސް ފެނިއްޖެ އެވެ.

އިނގިރޭސީ ވިލާތުގެ ޗީފް މެޑިކަލް އޮފިސާރާ ހަވާލާދީ ސީއެންއެން އިން ބުނީ މި ބަލީގެ ފުރަތަމަ ދެ ކޭސް މިއަދު އެގައުމުން ވަނީ ފެނިފަ އެވެ.

ބަލި ޖެހުނު މީހުންގެ އާއިލާތަކަށްވެސް މިހާރު އެގައުމުގެ ހުޅަނގު އުތުރުގައި ހުންނަ ނޭޝަނަލް ހެލްތް ސާވިސް އިން ފަރުވާ ދެމުންދާ ކަމަށް ސީއެންއެން އިން ބުނެ އެވެ. އަދި މި ބަލި އެހެން މީހަކަށް ވާރުތަވެފައިވޭތޯ ވެސް ދަނީ ބަލަމުން ކަމަށް ސީއެންއެން އިން ބުންޏެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 9,709 އަށް އަރާފަ އެވެ. އޭގެ ތެރެއިން 140 މީހުން ފިޔަވާ ހުރިހާ ކޭސްއެއް ފެނިފައިވަީނީ ޗައިނާއިންނެވެ. މަރުވި މީހުންގެ އަދަދު މިހާރު ވަނީ 213 އަށް އަރާފަ އެވެ.

މި ބައްޔާ ގުލިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ، މުޅި ދުނިޔެއަށް ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

މި ބާލީގެ އަލާމަތްތަކީ، އެހެން އަރުދަފުސް ރޯގާގެވެސް އަލާމާތްތަކެވެ. އެގޮތުން ހުން އައުމާއި ކެއްސާ ކިބިހި އެޅުންފަދަ ކަންކަމަކީ، މި ބަލީގެ އަލާމާތްތަކެވެ. މި ބަލިން ރައްކާތެރިވުމުގެ ގޮތުން މާސްކާއި ސެނިޓައިޒާ ފަދަ ތަކެތި ބޭނުން ކުރެވިދާނެއެވެ. އަދި ޖަނާވަރުންނާއި މީހުން ގިނަ ސަރައްހައްދަށް ނުދިޔުމަކީ މުހިންމު ކަމެކެވެ. ސާފުތާހިރުވެ، ރަނގަޅަށ އަތް ދޮވުމަކީވެސް މުހިންމު ކަމެކެވެ.

އިތުރަށް ކިޔާލަން:

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު މިހާރު ރާއްޖެއިންވެސް ވަނީ ފެނިފަ އެވެ. އޭނާ މިހާރު ވަނީ މާލެ ކުރިމަތީ އޮންނަ ކ. ފުނަދޫގައި ކަރަންޓީންކޮށްފަ އެވެ.