މިހާާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކި ފެތުރެމުންދާ ކޮރޯނާވައިރަސް އަދި ރާއްޖެއިން މިހާރު ނައްތާލެވިފައިވާ ހިމަބިހި ފަދަ ބަލިތަކުން ސަލާމަތް ވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މިއަދުގެ ހުކުރު ހުތުބާގައި އާންމުންނަށް ގޮވާލައިފި އެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިއަދުކީ ހުތުބާގައި ބުނީ، ރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ޒިޔާރަތް ކުރާ މަންޒިލަކަށްވާއިރު، އަދި ކައިރި ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު ސިއްހަތާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް އާންމުން ބޯލެބުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ބަލި ފެނުނު ބޭރުގެ ގައުމުތަކަށް ދަތުރު ނުކުރުމަށް ކޮށްފައިވާ އިލްތިމާސަށް ބޯލެބަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްތަކުން ދަލީލު ނަގަމުން ހުތުބާގައި ބުނީ، ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް މިފަދަ ބަލިތަކުގައި އަމަލުކުރުމަށް އޮންނަ "ކަރަންޓީނުގެ އުސޫލަކީ" ގަޟާގަދަރަށް އީމާންވުމާއި ﷲ ތައާލާއަށް ވަކީލުކުރުމާއި ފުށުއަރާކަމެއްނޫނެވެ. އަދި އެއީ އިސްލާމް ދީނުގައި އިރުޝާދު ދީފައިވާ އުސޫލެއްކަން ވެސް ފާހަގަ ކުރި އެވެ.

"އެ އުސޫލަކީ [ކަރަންޓީނު ކުރުމަކީ] މީގެ ސާދަސަތޭކަ އަހަރު ކުރިން އިސްލާމްދީން އެކަމަކަށް ބާރުއަޅައި ގޮވާލާފައިވާ ވަރުގަދަ އުސޫލެކެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ؛ ... 'ތިޔަބައިމީހުންނަށް ބިމެއްގައި ޠާޢޫން ފެތުރިފައިވާ ކަމުގެ ހަބަރު ލިބިއްޖެނަމަ، ފަހެ އެ ބިމަކަށް ތިޔަބައިމީހުން ނުފައިބާހުށި
ކަމެވެ! އަދި އެކަން ފާވެފައިވަނީ ތިޔަބައިމީހުން ދިރިއުޅޭ ބިމަށް ކަމުގައި ވާނަމަ، އެއިން ފިލުމަށްޓަކައި ތިޔަބައިމީހުން އެ ބިމުން ނުނިކުންނާށެވެ!" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، މިފަދަ ބަލިތަކުގެ ނުރައްކާ ބޮޑު ވަގުތުތަކުގައި އިސްލާމްދީނުގައި އަންގަވާފައި އޮންނަ ގޮތަކީ ބަލިވެއްޖެ ހިނދެއްގައި ބޭސްފަރުވާ ކުރުމަށާއި އަދި ސާފުތާހިރުކަމުގެ ރީތި އާދަތައް އިސްކުރުމަށް ކަމަށެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގައި އަތްއެޅުން އާދަކުރުމާއި މަގުމައްޗަށް ކުޅުޖެހުން ފަދަ ނޭދެވޭ އާދަތަކުން އެއްކިބާވުންކަމުގައިވެސް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

މިއަދުގެ ހުތުބާ ނިންމާލަމުން ވަނީ ބަލިފެތުރެމުންދާ ހާލަތްތަކުގައި ﷲއަށް ވަކީލު ކުރުމާ އެކު، ބޭސްފަރުވާ ހޯދައި ސިއްހީ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް އިރުޝާދު ދީފަ އެވެ. އަދި ވެކްސިންޖެހުންފަދަ މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކުރި އެވެ.