04 Dec 2011, 09:53
އެފްރިކާގެ ފަގީރު ގައުމުތަކުގެ ތެރެއިން ވެސް ފަގީރު ގައުމެއް ކަމަށްވާ އިތިއޯޕިއާ އަކީ ކަމެއް ގޯސް ވެއްޖެ ނަމަ މިސާލެއްގެ ގޮތުގައި ބައެއް ފަހަރު ނަގާ ގައުމެކެވެ. ނަމަވެސް އެ ގައުމު ވެސް އެއް ކަމެއްގައި ރާއްޖެ އަށް ވުރެ ރަނގަޅުކަން ދަނީ ހާމަވަމުންނެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރާއި އެކަމުގައި ގައުމުތައް ދަރަޖަކުރެވިފައިވާ ގޮތް ދައްކައިދޭ ރިޕޯޓްގައި ރާއްޖެ ފާއިތުވި ތިން އަހަރު ވެސް އުޅެނީ އިތިއޯޕިއާ އަށް ވުރެ ވެސް މާ ފަހަތުގަ އެވެ.
އެގޮތުން މި އަހަރު ރާއްޖޭގެ ސްކޯއަކީ 2.5 ކަމަށް ވިޔަސް އިތިއޯޕިއާ އަށް ވަނީ 2.7 ލިބިފަ އެވެ. ކޮރަޕްޝަންގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ދެ ގައުމު ވެސް ހިމެނޭ އިރު އިތިއޯޕިއާ އޮތީ 120 ވަނައިގަ އެވެ. އަދި ރާއްޖެ އޮތީ 134 ވަނައިގަ އެވެ.
ޓްރާންސްޕޭރެންސީގެ ދިރާސާތަކަށް ބަލާ އިރު 2008 ވަނަ އަހަރު ރާއްޖޭގެ ހާލަތު އިތިއޯޕިއާ އަށް ވުރެ މާ ރަނގަޅުކަން ފާހަގަ ކުރެވެ އެވެ. އެގޮތުން އެ އަހަރު އިތިއޯޕިއާ އަށް 2.6 ލިބުނު އިރު ރާއްޖެ އަށް ލިބިފައި ވަނީ 2.8 އެކެވެ. އަދި ރޭންކިންގެ ގޮތުން ރާއްޖެ 115 ވަނައިގައި އޮތް އިރު އިތިއޯޕިއާ އޮތީ 126 ވަނައިގަ އެވެ.
ކޮރަޕްޝަންގެ ރޭންކިންގައި ރާއްޖެ އިތިއޯޕިއާ އަށް ވުރެ ފަހަތަށް ފުރަތަމަ ސޮއްސާލާފައި ވަނީ 2009 ވަނަ އަހަރު އެވެ. އެ އަހަރު އެ ގައުމު 120 ވަނައިގައި އޮތް އިރު ރާއްޖެ އޮތީ 130 ވަނައިގަ އެވެ. އެ އަހަރު އެގައުމުގެ ސްކޯއަކީ 2.7 ކަމުގައިވާ އިރު ރާއްޖޭގެ ސްކޯއަކީ 2.5 އެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ވެސް ކޮރަޕްޝަންގެ ރޭންކްގައި ރާއްޖެ އިތިއޯޕިއާ އަށް ވުރެ ފަހަތަށް ގޮސްފައެއް ނުވެ އެވެ. އަދި 2007 ވަނަ އަހަރު ކޮރަޕްޝަންގެ ރޭންކިންގައި އިތިއޯޕިއާ 2.4ގެ ސްކޯއަކާ އެކު 138 ވަނައިގައި އޮތް އިރު ރާއްޖެ އޮތީ 3.3ގެ ސްކޯއަކާ އެކު 84 ވަނައިގަ އެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި މިއަހަރު އެންމެ ރަނގަޅު ތިން ގައުމަކީ ނިއުޒީލެންޑާއި ޑެންމާކް އަދި ފިންލޭންޑެވެ. އަދި އެންމެ ގޯސް ތިން ގައުމަކީ ސޯމާލިއާ އާއި ދެކުނު ކޮރެއާ އަދި މިޔަންމާ އެވެ. އެންމެ ރަނގަޅު ގައުމުކަމަށްވާ ނިއުޒީލޭންޑަށް 9.5 ގެ ސްކޯއެއް ލިބިފައިވާ އިރު ސޯމާލިއާއަށް ލިބިފައި ވަނީ 1.0 އެކެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރިޕޯޓްގައި ބަލާފައި ވަނީ ދުނިޔޭގެ 182 ގައުމެއްގެ ހާލަތެވެ.
ކޮރަޕްޝަންގެ ރޭންކިންގައި ރާއްޖެއާ އެއް ދަރަޖައެއްގައި މިއަހަރު އޮތީ ކެމެރޫން އާއި އެރިޓްރިއާއާއި ގާނާއާއި ލުބުނާނާއި ނިކަރާގުއާ އާއި ނައިޖަރާއި ސިއެރެލިއޯންއާއި ޕާކިސްތާނެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ބޮޑު ޖަމާއަތެކެވެ. އެ ޖަމާއަތުގެ ދިރާސާތައް ކުރަނީ ދުނިޔޭގެ އެކި ގައުމުތަކުގައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެންނެވެ.