ސީދާ ޗައިނާއިން މިއަދު ރާއްޖެ އަންނަ ފްލައިޓްތަކަކީ، ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން ބަލާ އަންނަ ހުސް ޗާޓަރު ފްލައިޓްތަކެއް ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

އިއްޔެ ދިވެހި ސަރުކާރުން ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ހުއްޓާލުމަށް ނިންމާފަ އެވެ. ނަމަވެސް އަދިވެސް ޗައިނާގެ ސީދާ ފްލައިޓްތައް ޝެޑިއުލްކޮށްފައިވާތީވެ، ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅިގެން ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ރާއްޖޭގެ އެކި ރިސޯޓުތަކުގައި ތިބި އެގައުމުގެ އެތައް ހާސް ފަތުރުވެރިންތަކެއް އަނބުރާ ގައުމަށް ގެން ދިޔުމަށް ޓަކައި ޗާޓަރުކޮށްފައިވާ ފްލައިޓުތަކެއް ރާއްޖެ އަންނަމުންދާ ކަމަށެވެ.

"އެ ފްލައިޓްތަކަކީ ހުހަށް އަންނަ ފްލައިޓްތަކެއް. ރާއްޖެ އައިސް އެނބުރި ޗައިނާ އަށް ދާނީ އެ މީހުން ގޮވައިގެން،" ސަފީރު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑްވްސް އެއާޕޯޓްސް ކޮންޕެނީ ލޮމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައ ޗައިިނާގެ ފަތުރުވެރިން ބަލާ މިއަދު ޗައިނާގެ ތިން ފްލައިޓެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެ ފްލައިޓްތައް އަންނައިރު، އޭގައި އެއްވެސް ފަސިންޖަރަކު ނުތިބޭނެ ކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ހުއްޓާލުމަށް ނިންމި ނިންމުމަށް އަމަލު ކުރަނީ މިއަދުން ފެށިގެން ކަމަށް ސިވިލް އޭވިއޭޝަނުން ނެރުނު އެޑްވައިޒަރީގައިވެ އެވެ.

އިއްޔެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި ތިބި ޗައިނާ މީހުން އަނބުރާ ގައުމަށް ދިޔުމުގެ ކަންކަން އަމާންކަމާ އެކު ގެންދިޔުމަށް މިނިސްޓްރީއިން އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ.

ޗައިނާއާށް ސީދާ ފްލައިޓްތައް ހުއްޓާލުމާ ގުޅިގެން، ވީއައިއޭގައި މިހާރު ވަނީ ޓޫރިސްޓުންނަށް އެހީތެރިވުމަށް މިނިސްޓްރީގެ ހާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފަ އެވެ. އަދި ހާއްސަ ހޮޓްލައިނެއް ވެސް އެކަމަށް ގާއިމްކޮށްފައިވެ އެވެ.

މިނިސްޓަރު އަލީ އިތުރަށް ވިދާޅުވެފައި ވަނީ، ޗައިނާ-ރާއްޖެ ސީދާ ދަތުރުތައް ހުއްޓާލަން ނިންމި ނިންމުމަކީ ރާއްޖޭގެ ރައްޔިތުންނާ އަދި ރާއްޖެ ޒިޔާރާތް ކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނިންމެވި ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ވިޔަފާރިތަކެއްގެ ތާއީދު ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު މި ބަލީގެ ސަބަބުން މިހާރު އެ ސިޓީ ވަނީ މުޅިން ބަންދުކޮށްފަ އެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 10،000 އާ ގާތްކުރެ އެވެ. މަރުވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފަަ އެވެ.