ނޮވެލް ކޮރޯނާ ވައިރަސް ހުރި ކަމަށް، ތުހުމަތުވާ މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރާ ސާޖިކަލް މާސްކާއި ސެނިޓައިޒާ މާލޭ ފާމަސީތަކުން ލިބުން ދަތިވެއްޖެ އެެވެ.

ޗައިނާގެ ވޫހާން ސިޓީއިން އުފަންވެ، މިހާރު މުޅި ދުނިޔެއަށްވެސް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާކަން ހެލްތް މިނިސްޓްރީއިން އިއުލާން ކުރީ ރޭގެ ވަގުތެއްގަ އެވެ. އެއާއެކު ގިނަ ދިވެހިން ވަނީ، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރާ މާސްކާއި ސެނިޓައިޒާ ފަދަ ތަކެތި ގަތުމަށް ރޭ ފާމަސީތަކުގައި ކިއު ހަދައިފަ އެވެ.

ބައެއް އާންމުން ބުނި ގޮތުގައި ރޭ ހެލްތް މިނިސްޓްރިން އެކަން އިއުލާން ކުރުމާއެކު ވަރަށް ގިނަ މީހުން މާސްކާއި ސެނިޓައިޒާ ގަތުމަށް ފާމަސީތަކަށް ދިޔަ އެވެ. އެތަކެތި ގަންނަން މަސައްކަތް ކުރި ބައެއް މީހުން ބުނި ގޮތުގައި، ގިނަ ފާމަސީތަކުން މާސްކު ވަނީ ހުސްވެފަ އެވެ. މާސްކު ހުރިތަންތަނުގައި ވެސް ހުރީ ވަރަށް މަދުންނެވެ. އަދި ވިއްކަމުން ދިޔައީ ލިމިޓްކޮށްގެންނެވެ.

"ރޭގައި ވަރަށް މަދު ފާމަސީތަކުން ލިބެނީ މާސްކް. ގިނަ ތަންތަނާ އެކީ ހުސްވެސް ވެފަ ހުރީ، ބައެއް ފާމަސީތަކުން ވަނީ މާސްކުގެ އަގުވެސް ބޮޑުކޮށްފައި،" މީހަކު "ސަން"އަށް ގުޅައި ޝަކުވާކުރި އެވެ.

ކުރިން އާދައިގެ މާސްކެއް ލިބެނީ ތިން ރުފިޔާއަށެވެ. ނަމަވެސް ރޭ ބައެއް މީހުން ވަނީ ފަސް ރުފިޔާއަށާއި 10 ރުފިޔާއަށްވެސް މާސްކު ގަނެފަ އެވެ. އަދި ސެނިޓައިޒާ ފުޅިއެއްގެ އަގު 25 ރުފިޔާ އަށް ހުރި ނަމަވެސް، ރޭ ބައެއް ތަންތަނުން ވަނީ 50 ރުފިޔާއަށް ސެނިޓައިޒާ ފުޅިއެއްގެ އަގު ބޮޑުވެފަ އެވެ.

ބައެއް ފާމަސީތަކުން ވާހަކަ ދެއްކި މީހުން "ސަން" އަށް ބުނީ، މިދިޔަ ދެ ދުވަސް ތެރޭ ރިސޯޓްތަކުން ބަލްކްކޮށް މާސްކާއި ސެނިޓައިޒާ ފަދަ ތަކެތި ނެގުމުން ސްޓޮކް މަދުވެފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ރޭ ކުއްލިއަކަށް މާސްކްއަށް އޮތް ޑިމާންޑް ބޮޑުވި ކަމަށް ފާމަސީތަކުން ބުންޏެވެ.

"އިއްޔެ ގެނައި ސްޓޮކް އެއްކޮށް ހުސްވީ. ގޯޑައުންގައި ހުރި މަދު ސްޓޮކެއް މިހާރު ވިއްކަން ނެރެފައި އެ ހުރީ،" ޕާމަސިސްޓަކު ބުންޏެވެ.

ހެލްތް މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ވަރަށް މާސްކް ހުންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ދީފައިވާ ކަމަށެވެ. އެސްޓީއޯ ފާމަސީތަކުން އަންނަނީ މާސްކް ވިއްކަމުންނެވެ.

މާލޭގެ ފާމަސީތަކުން މާސްކް ލިބުން ދަތިވި އިރު، އޭޝިއާގެ ގިނަ ގައުމުތަކުގައިވެސް ވަނީ މާސްކާއި ސެނިޓާއިޒާ ފަދަ ތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހިފަ އެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އެއް ކޭސް ރާއްޖެއިން ފެނިފައިވާ އިރު، އަވައްޓެރި އިންޑީއާ އަދި ސްރީލަންކާއިންވެސް ވަނީ މި ބަލި ފެނިފަ އެވެ. ވިއްސަށް ވުރެ ގިނަ ގައުމަކުން މުޅި ޖުމްލަ މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 10،000 އާ ވަނީ ގާތްކޮށްފަ އެވެ. އަދި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފަ އެވެ.