31 Jan 2020, 11:30
މިއަދު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތަށް ކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދުގެ އިންތިހާބުގައި 909 ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި މުޅި ރާއްޖޭގައި 169 ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ. އަދި މިއަދަކީ އެމްޑީޕީގެ އެތައްހާސް އާންމު މެންބަރުންނެއް ވޯޓުލާން ނުކުމެ، ޑިމޮކްރަސީގެ ރީތި އުސޫލުތާ ދައްކާނެ ދުވަހެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މިއަދަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ހަރަކާތް ހިންގާނެ ދުވަސް. ލޯކަލް ކައުންސިލްގެ އެމްޑީޕީ ޕްރައިމަރީގެ އިންތިހާބުގެ ދުވަސް،" ރައީސް ނަޝީދު ޓްވީޓް ކުރެއްވި އެވެ.
މިއަދު މެންދުރު 2:00 އިން މިރޭ 7:00 އެމްޑީޕީގެ ޕްރައިމަރީ ބާއްވާއިރު، ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 90،000 އަށް ވުރެ ގިނަ މެންބަރުންނަށް ލިބިފައިވެ އެވެ. އަދި އޭގެ ތެރެއިން 70 ޕަސެންޓް މީހުން ވޯޓްލާން ނިކުންނާނެ ކަމަށް އެމްޑީޕީއިން ލަފާކުރެ އެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް މުޅި ޖުމްލަ 1،279 މީހަކު ފޯމް ހުށަހެޅި އެވެ. އަދި އެންމެ ފަރާތަކުން ކުރިމަތިލާފައިވުމުން ޕްރައިމަރީއަކާ ނުލާ، 389 ކެންޑިޑޭޓުންނަށް އެމްޑީޕީގެ ޓީކެޓް ވަނީ ކަށަވަރުވެފަ އެވެ. އަދި ދެ މީހެއްގެ ކެންޑިޑެސީ ވަނީ ބާތިލްކޮށްފަ އެވެ.