މިއަދު މެންދުރު ފަހު ބާއްވާ، ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ، އިތުރު ކެންޑިޑޭޓެއްގެ ކެންޑިޑެސީ އެ ޕާޓީއިން ބާތިލްކޮށްފި އެވެ.

އެ ޕާޓީއިން މިއަދު ބުނި ގޮތުގައި، ލ. ކުނަހަންދޫ ކައުންސިލްގެ ޕްރައިމަރީގައި ވާދަކުރާ، އެ ރަަށު މަންޒިލް، އަހްމަދު ޝަރީފްގެ ކެންޑިޑެސީ ވަނީ ބާތިލްކޮށްފަ އެވެ. އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ޖެހުނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވާ މައްސަލައަކާ ގުޅިގެން ކަމަށް އެ ޕާޓީއިން ބުންޏެވެ.

މިދިޔަ ހަފްތާގެ އެ ޕާޓީއިން ވަނީ ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ޕްރައިމަރީގައި ވާދަކުރާ، އެ ރަށު ވާދީ މަދީހާ އަބްދުﷲ ގެ ކެންޑިޑެސީ ބާތިލްކޮށްފަ އެވެ. އޭނާގެ ކެންޑިޑެސީ ބާތިލް ކުރީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ވާހަަކަ ދައްކާފައިވާތީ ކަމަށް، އެމްޑީޕީއިން ބުނެފައިވެ އެވެ.

މަދީހާއަކީ، މިފަހުން ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މުނިކާފަ އާއި ކުއްޖާގެ ކާފަގެ އާއިލާގެ މީހެކެވެ. އެ ހާދިސާއާ ގުޅިގެން މަދީހާ "ސަން"އަށް ދިން އިންޓަވިއުގައި ވަނީ މުނިކާފަ އާއި ކާފަ ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ.

މިފަހުން އާންމުވި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާ ހުރެ، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއިން ނިންމާފައި ވަނީ، އެ ޕާޓީގެ ޕްރައިމަރީތަކުގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެފަދަ ކަންކަމަށް ތުހުމަތުވާ ފަރާތްތަކާއި އަދި އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާ ފަރާތްތައް، އެ ޕާޓީގެ ޕްރައިމަރީ ތަކުގައި ވާދަކުރުމުގެ ފުރުސަތު ނުދޭންށެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވަމަށް ބާއްވާ ޕްރައިމަރީގައި މުޅި ޖުމްލަ 1،279 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި އެންމެ ފަރާތަކުން ކުރިމަތިލާފައިވުމުން ޕްރައިމަރީއަކާ ނުލާ، 389 ކެންޑިޑޭޓުންނަށް އެމްޑީޕީގެ ޓީކެޓް ވަނީ ކަށަވަރުވެފަ އެވެ.

ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ލިބިފަ އެވެ.

ޕްރައިމަރީގައި ވޯޓްލުން އޮންނާނީ، މިއަދު މެންދުރު 2:00 އިން މިރޭ 7:00 އަށެވެ. މާލެގެ އިތުރުން 92 ރަށެއްގައި ވޯޓުލުން ކުރިއަށްދާނެ އެވެ.