ދ. ކުޑަހުވަދޫން ގެއްލިގެން ރެއިން ފެށިގެން ހޯދަމުން ދިޔަ އަންހެނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ އެރަށު ކަނީރުގޭ ޝީރީނާ، 37 އެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ މިއަދު ވިދާޅުވީ ޝީރީނާ ގެއްލިގެން ކައުންސިލަށް ރިޕޯޓްކޮށްފައިވަނީ ރޭގެ މެންދަމު 2:00 ޖަހާއިރު އޭނާގެ ފިރިމީހާ ކަމަށާއި، ޝީރީނާ ގެއްލިގެން ރަށުގެ ރައްޔިތުންނާއި ފުލުހުން ހޯދަމުން ދަނިކޮށް މިއަދު ހެދުނު އޭނާ ފެނުނީ ރަށުގެ ބަނދަރު ބޭރު ތޮށީ ކައިރީގައި މަރުވެފައި އޮއްވާ ކަމަށް އޭނަ ވިދާޅުވިއެވެ.

"ރޭގަ 1:00 ޖަހާއިރު އޭނަ ނެތްކަން ފިރިމީހާއަށް އެގިގެން އޭނާ ހޯދަން ފެށީ 2:00 ޖަހާއިރު އަޅުގަނޑުމެން އޭނާ ހޯދަން ފެށީ މިއަދު ހެދުނު 6:00 ޖަހައިރު އޭނާގެ ހަށިގަނޑު ރަށުގެ ބަނދަރު ބޭރުގައި ތޮށިކައިރީގައި އޮއްވާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ. އޭނާގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަހަމެއް ފެންނާކަށްނެތް،" ކައުންސިލަރު ވިދާޅުވިއެވެ.

Ibrahim Fikury (mp3)

ކުޑަހުވަދޫ ސިއްހީ މަރުކަޒްގެ އޮފިޝަލަކު ވިދާޅުވީ އޭނާ އެ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައި ވާކަމަށެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ޝީރީނާ މަރުވި ހާދިސާ ކުޑަހުވަދޫގައި ތިބި ފުލުހުން މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށާއި، އޭނާ މަރުވި ހާދިސާއާ ގުޅޭގޮތުން ވަކި އެއްޗެއް ދަންނަވަން އެގޭނީ ތަހުގީގު ނިމުމުން ކަމަށެވެ.

ކައުންސިލްގެ ރައީސް ފިކުރީ ވިދާޅުވީ ޝީރީނާގެ ޖަނާޒާ މިހާރު އެ ރަށުގައި ކުރިއަށް ގެންދާ ކަމަށެވެ.

ސަން އަށް އެގިފައިވާގޮތުގައި ސީރީނާގެ ތިން ކުދިން ތިބެއެވެ.