މިހާރު ޗައިނާގައި ހަލުވިކޮށް ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނިއްޖެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން މިރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޗައިނާއިން އައި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވޭ އަލާމަތް ފެނި އޭނާ ކ. ފުނަދޫގައި ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

އެމީހާ ރާއްޖެ އައިސްފައިވަނީ ބުދު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އެމީހާ ރާއްޖެ އައިސް އެއާޕޯޓުން ބެލިއިރު ހުމުގެ އަސަރެއް ނެތް ކަމަށް އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް ގެއަށް ދިޔަ ފަހުން ރޯގާގެ އަސަރު ހުރިކަން ފާހަގަކުރެވިގެން އޭނާ ގޮސް ޓެސްޓުކޮށްފައިވާ ކަމަށް އަމީން ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް އޭނާގެ ސްކްރީނިންގެ ތެރޭގައި އޭނާގެ ޓްރެވެލް ހިސްޓްރީ އާއި އޭނާ ދިޔަ ތަންތަނުގެ މައުލޫމާތު ހޯދުމުގެ ތެރެއިން ފާހަގަކުރެވުނީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި މީޓް މާކެޓަކަށް ގޮސްފައިވާކަން،" އަމީން ވިދާޅުވިއެވެ.

ޝައްކު ކުރެވޭ ކަމަށް ބެލެވޭ މިންގަނޑުތައް

ހެލްތު މިނިސްޓަރު އަމީން ވަނީ އެ ބައްޔަށް ޝައްކު ކުރެވޭ މީހާ ކަނޑައެޅުމުގައި ބަލާ މިންގަނޑުތައް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކޮށްފައެވެ.
އަލާމާތްތައް ފެނުމުގެ 14 ދުވަހުގެ ކުރީން ޗައިނާގެ ވޫހާން ނުވަތަަ ހޫބޭ ޕްރޮވިންސް އަށް ގޮސްފައިވުން
އަލާމާތް ފެނުމުގެ 14 ދުވަހުގެ ކުރީން ޗައިނާގައި ހުންނަ އެއްވެސް މީޓް މާކެޓަކަށް ގޮސްފައިވުން
ކޮރޯނާ ވައިރަސްގެ އަލާމާތްތައް ކަމުގައިވާ ހުން އައުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާ ކުރުވުން ނުވަތަ ނޭވާލުން އުނދަގުވާފަދަ އަލަމާތްތައް ފެނުން
ބަލި މީހާ އަކީ ބަލި އުޅޭ ސަރަހައްދެއްގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތްދޭ މީހަކަށްވުން
އަލާމަތްތައް ފެނުމުގެ 14 ދުވަސް ކުރީން ބަލި ޖެހިފައިވާ މީހެއްގެ ކައިރީގައި އުޅެފައިވުން، ނުވަތަ އެފަދަ ބަލި މީހުން ތިބޭ ތަނަކަށް ދިޔުން
މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ ސާމްޕަލް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ފޮނުވައި އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުން ބުނެފައިވަނީ އަރިދަފުސް ރޯގާ ޖެހިގެން ހޮސްޕިޓަލުގެ ޓީމެއް އޭނާ ޓެސްޓުކުރި ކަމަށެވެ. ރޯގާ ޖެހިފައި ހުރި ނަމަވެސް އޭނާގެ އެހެން ކަންތައް ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އޭނާގެ ހުރި ހަމައެކަނި އަލާމާތަކީ އަރިދަފުސް ރޯގާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ވައިރަސް އަށް ޝައްކު ކުރެވޭ މީހާ ފާއިތުވި 14 ދުވަހުގެ ތެރޭގައި ގޮސްހުރި ތަންތައް ބަލާނެ ކަމަށެވެ.

އެ ވައިރަސްއާ ގުޅިގެން އެމީހާގެ އާއިލާއަށް ދޭން ޖެހޭ މައުލޫމާތު ދީ، އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުޑަކޮށް ހިސްޓްރީއަށް ބެލިއިރު، އޭނާ މާލެ އައި ގޮތަށް އައިސް ގެއިން ބޭރަށް ނިކުމެފައެއް ނެތް. ދިޔަގޮތަށް ކޮޓަރީގައި ހުރީ. ހުރިހާ އެއްޗެއް ބާލައި ހަދައިން އެއްޗެހި ބަދަލުކޮށް ދެން ހުރީ ކޮޓަރީގައި. ބޭރު އެއްވެސް މީހަކާ ކޮންޓެކްޓް ވެފައެއް ނުވޭ،" އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އާއިލާގެ ފަރާތްތަކާ ކޮންޓެކްޓު ވެފައިވޭތޯ ބެލުމަށް ސުވާލު ކުރުމުން ހެލްތު މިނިސްޓަރު ވިދާޅުވީ މިހާރު ދެވިފައިވަނީ ކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލާއި ކުރިއަށް ކަންތައް ކުރާނެ ގޮތުގެ ތަފްސީލު ކަމަށެވެ. އަދި އިތުރަށް އާއިލާއާ ގުޅިގެން މައުލޫމާތު ނެގުން ފަދަ މަސައްކަތް ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ދެކެވެމުން ދާއިރު މިއަދު ހުޅުމާލޭގައި ބަހައްޓާފައި ހުންނަ އައިސޮލޭޝަން ފެސިލީޓީގައި ދެ ދިވެއްސަކު ކަރަންޓީނުކޮށްފައިވާ ކަމަށް ވާހަކަ ދެކެވުނެވެ. އެކަމާ ގުޅޭގޮތުން މިރޭ މިނިސްޓަރާ ސުވާލު ކުރެއްވުމުން އަމީން އެކަމަށް ޖަވާބެއް ނުދެއްވައެވެ.

"މިހާރު އަޅުގަނޑުމެން މި ދެއްކެވެނީ އެކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލު. އަޅުގަނޑުމެން ތިބޭފުޅުންނަށް މި ހާމަކުރީ މީގެ ކްލިނިކަލް ގޮތުން ބެލި ބެލުމާއި އަދި އަޅުގަނޑުމެން އަދި މިހާރުގެ ހާލަތުގެ ވާހަކަ. އިތުރަށް ދައުރުވާ ވާހަކަތައް އަޅުގަނޑުމެންނަށް ވެރިފައިވެ ފާހަގަވެފައެއް ނެތް،" އަމީން ވިދާޅުވިއެވެ.