ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ދެވަނަ ބައެއް ހަދާނެކަން އިއުލާންކުރުމާއެކު ގިނަ ބަޔަކު އިންތިޒާރުކުރަމުން އައީ އެ ފިލްމު ރިލީޒްކުރާނީ ކޮން ދުވަހަކުންތޯ ބެލުމަށެވެ.

ބުޝަން ކުމާރު ޕްރޮޑިއުސްކުރާ "އޭކް ވިލަން"ގެ ސީކުއަލަށް މިހާރު ވަނީ ކުޅަދާނަ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވެސް ގުޅިފަ އެވެ. ވަރުގަދަ ޓީމަކާއެކު ގެނެސްދޭ އެ ފިލްމުގެ ސީކުއަލް ރިލީޒްކުރާނެ ތާރީހް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް އަމާޒު ހިފާފައިވާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް އާއި އަދިތްޔާ ރޯއީ ކަޕޫރު ކަމަށް ބޭރުގެ ހަބަރުތައް ބުނެ އެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސިދާތް މަލްހަތްރާއެވެ. ފިލްމުގެ އަންހެން ލީޑަކަށް ޓީމުން ބޭނުންވަނީ މި ފިލްމުގެ ފުރަތަމަ ބައިންވެސް ފެނުނު ޝްރައްދާ ކަޕޫރެވެ.

ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް އަހަރުގެ މެދުތެރޭ ފެށުމަށް ވަނީ ނިންމައިފަ އެވެ. "އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.