30 Jan 2020, 21:41
ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން އަށް މަރުގެ އިންޒާރުދީ ބަޔަކު ބިރުދެއްކި މައްސަލައިގެ ތަހުގީގަށް ހިޝާންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 20 ވަނަ ދުވަހު މަގުމަތީގައި ހުއްޓައި ބަޔަކު ހިޝާން އަށް މަރުގެ އިންޒާރު ދިން ކަމަށް އޭނާ ވަނީ މީގެކުރީން ބުނެފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ހިޝާން އަށް ބިރު ދެއްކި މައްސަލައިގައި އޭނާއަށް ބިރު ދެއްކި މީހުން ހޯދުމަށްޓަކައި ކަން ހިނގި ތަނާއި މަގާއި ބިރު ދެއްކި ފަރާތް ފާހަގަކުރުމަށް އަދި ކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް ތަކުރާރުކޮށް ފުލުހުން ވަނީ ގުޅާފައި ކަމަށެވެ.
ތަކުރާރުކޮށް އެކި ފަހަރުގެ މަތީން ގުޅި ނަމަވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
އިޒްމިއާ އިތުރަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުކުރުމަށް ހިޝާން އާ ބައްދަލުކުރުމަށް އޭނާ އުޒުރުވެރިވާ ކަމަށާއި އޭގެ ސަބަބުން މައްސަލައިގެ ތަހުގީގަށް އެހާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.
"ފުލުހުން ސީސީޓީވީ ފުޓެޖް ހޯދަން ވެގެން، ހިޝާން އަށް ބިރު ދެއްކި ލޮކޭޝަނާއި ބިރު ދެއްކި މީހާގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ މި މައްސަލައަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ހިޝާން އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ތަހުގީގު ހިންގާ ފަރާތްތަކުންނާއި ވިކްޓިމް ސަޕޯޓް އިން އޭނާއާ ބައްދަލުކުރުމަށް ހިޝާން އުޅުއްވާ ތަނަށް ދިޔުމަށް އުޅުމުން ހިޝާން ވަނީ އެކަމަށް އުޒުރުވެރިވެފައި ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
ހިޝާން މީގެކުރީން ސަން އަށް ވިދާޅުވެފައިވަނީ އޭނާއަށް ބިރު ދައްކަމުން ދަނީ ގޭންގުތަކަށް ނިސްބަތްވާ ބަޔަކު ނޫން ކަމަށެވެ.