މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕު ޑެސްކެއް މިރޭ ގާއިމުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިރޭ 1900 އިން ފެށިގެން ގާއިމުކޮށްފައިވާ ހެލްޕު ޑެސްކަކީ ކޮރޯނާ ވައިރަސްގެ ހާލަތު ބަދަލުވަންދެއް އެހީތެރިކަން ފޯރުކޮށްދޭޭނެ ޑެސްކެއް ކަމަށެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ވަނީ "ސިޓުއޭޝަން މޮނިޓަރިން ޔުނިޓް" އެއް ގާއިމުކޮށްފައެވެ. އަދި ފަތުރުވެރިންނާއި އޮޕަރޭޓަރުންނަށް ބޭނުންވާ އެހީތެރިކަން އެ ޔުނިޓުން ފޯރުކޮށްދޭނެއެވެ.

ވައިރަސްގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ސީދާ ޗައިނާއިން ރާއްޖެއަށް ފްލައިޓްތައް އައުން މިވަގުތަށް ސަސްޕެންޑްކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓާރު އަލީ ވަހީދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އަންނަ ސީދާ ފްލައިޓްތައް މިވަގުތަށް މަނާކުރަން ނިންމީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ ވެސް އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެބޭފުޅުންގެ ވެސް ރުހުން އޮވެގެން ކަމަށެވެ.

އެގޮތުން ސީދާ ޗައިނާއިން ރާއްޖެއަށް އަންނަ ފްލައިޓްތަކަކީ، މޯލްޑިވިއަން އާއި ޗައިނާ ސަދާން އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަމުންދާ ކޮރޯނާ ވައިރަސްއަށް މިހާރު 7،711 މީހަކު ޕޮޒިޓިވް ވެފައިވާއިރު 170 މީހަކު ވަނީ މަރުވެފައެވެ.