04 Dec 2011, 09:15
ތެހެރާން (ޑިސެމްބަރ 4) : ބައިނަލްއަޤްވާމީ ކަނޑުގައި އީރާނުގެ ކަނޑުގެ ސިފައިން ތަމްރީންތަކެއް ހަދަމުން ގެންދާކަން އެޤައުމުން ހާމަކޮށްފި އެވެ.
އީރާން ސިފައިންގެ ކަނޑުގެ އޮޕަރޭޝަންތަކާ ބެހޭ ކޮމާންޑުން ބުނި ގޮތުގައި "ވިލާޔަތް 90"ގެ ނަމުގައި ކުރިޔަށް ގެންދާ މިތަމްރީންތަކުގައި އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީން އުފައްދާފައިވާ އެންމެ ފަހުގެ ހަތިޔާރުތަކުގެ ތެރެއިން އީރާނުގެ ކަނޑުގެ ސިފައިންގެ ޚިދްމަތަށް ނެރެފައިވާ ހަތިޔާރުތައް ތަޖްރިބާކުރެވޭނެ އެވެ.
މީގެތެރޭގައި މިސައިލް ސިސްޓަމްތަކާއި ސަބްމެރިން އާއި ސަބްމެރިން އިން ފޮނުވާ ބާވަތުގެ މިސައިލް އާއި ޓްރޮޕިޑޯގެ އިތުރުން ސެޓަލައިޓްގެ އެހީގައި އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލްކަން ލިބިފައިވާ ކަނޑުގެ މަނަވަރުތައް ވެސް ހިމެނެ އެވެ.
އީރާން ސިފައިންގެ ކަނޑުގެ އޮޕަރޭޝަންތަކާ ބެހޭ ކޮމާންޑަރު އެޑްމިރަލް ސައްޔިދު މަޙްމޫދް މޫސަވީ ވިދާޅުވި ގޮތުގައި މިފަރިތަކުރުންތަކުގެ ބޭނުމަކީ އީރާނަށް ޙަމަލާދީ ޢުދުވާން ހިންގުމުގެ ބިރު ދައްކަމުންގެންދާ ޢުދުވާނީ ޤައުމުތަކަށް އީރާނުގެ ކަނޑުގެ ޤާބިލްކަމާއި އީރާނުން އުފައްދާފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ހަތިޔާރުތަކުގެ ފެންވަރު ދައްކާލުމެވެ.
މީގެއިތުރުން އީރާނުގެ ކަނޑުގެ ސަރަޙައްދާއި ސާޙިލް ޙިމާޔަތްކުރުމުގެ އިތުރު ހުނަރުތައް ހޯދުމާއި އެކަމުގެ އިތުބާރު އީރާނުގެ ކަނޑުގެ ސިފައިންނަށް ހޯދައިދިނުން ވެސް މިތަމްރީންތަކުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެޑްމިރަލް މޫސަވީ ވިދާޅުވި އެވެ.
އީރާނުން މިތަމްރީންތައް ކުރިޔަށް މިގެންދަނީ އެޤައުމުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭންޖެހިދާނެކަމުގެ އިންޒާރު އިސްރާއީލުން ދެމުން ގެންދާ ދުވަސްވަރެއްގަ އެވެ. އީރާނުގެ ކަނޑުގެ ސިފައިން މިތަމްރީންތައް ހިންގަމުން ގެންދަނީ ޢަރަބި ކަނޑުގެ ބައިނަލްއަޤްވާމީ ސަރަޙައްދުގައި ކަމަށް ޚަބަރުލިބެ އެވެ. (އަލްޢާލަމް+ޕްރެސްޓީވީ)