ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން މާދަމާ ބާއްވާ އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލޭ ސިޓީގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފިއެވެ.

އެ ޕާޓީން މިއަދު ކުރި އިއުލާންގައިވާ ގޮތުން މާލޭ ސިޓީގެ އަށް ތަނެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭ ރައްޔިތުން ވޯޓު ލާ ފޮށިިތައް ދަރުބާރު ގޭގައި ހުންނަ އިރު، ހުޅު މާލޭ ރައްޔިތުން ވޯޓު ލާ ފޮށި ހުންނަނީ ރެހެންދި ސްކޫލްގައެވެ. ވިލިމާލޭ ރައްޔިތުން ވޯޓުލާ ފޮށި ހުންނަނީ، މުހްޔިއްދީން ސްކޫލްގައެވެ.

ބަކީ ހަ ތަނުގައި ހުންނަނީ އަތޮޅުތަކުގެ ރައްޔިތުންގެ ވޯޓުލާ ފޮށިތަކެވެ.

އެހެން ފޮށިތައް ހުންނަ ތަންތަން:

  • ކަލާފާނު ސްކޫލް – ގއ އަތޮޅު ، ގދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު

  • މަޖީދިއްޔާ ސްކޫލް – އައްޑޫ ސިޓީ، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
  • އިމާދުއްދީން ސްކޫލް – ހއ އަތޮޅު، ހދ އަތޮޅު، ކ އަތޮޅު، އއ އަތޮޅު، އދ އަތޮޅު
  • އިސްކަންދަރު ސްކޫލް – ފުވައްމުލައް ސިޓީ، ރ އަތޮޅު، ބ އަތޮޅު، ޅ އަތޮޅު
  • އެމްޑީޕީ ހަރުގެ – ތ އަތޮޅު، ލ އަތޮޅު

މާލެގެ އިތުރުން ރާއްޖޭގެ 92 ރަށެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު 2:00 އިން ރޭގަނޑު 7:00 އަށެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވަމަށް ބާއްވާ ޕްރައިމަރީގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް މުޅި ޖުމްލަ 1،279 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ. އޭގެ ތެރެއިން އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން މިހާރު 389 ކެންޑިޑޭޓުންނަށް ޓީކެޓް ވަނީ ކަށަވަރުވެފައެވެ.

ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ލިބިފައެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި އާންމު މެމްބަރުންގެ 70 ޕަސަންޓް ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.