30 Jan 2020, 17:41
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމާފައިވާ މައްސަލައަކާ ގުޅޭގޮތުން ހިތްހަމަ ނުޖެހޭނަމަ މައްސަލަ ރައްދުވާ ފަރާތްތަކުން އެ މައްސަލަ އަލުން ރިވިއުކުރުމަށް ހުށަހެޅޭ ގޮތަށް ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމަށް އިސްލާހު ގެނެސްފިއެވެ.
ބްރޯޑްކޮމް އިން މިއަދު ބުނެފައިވަނީ އިއްޔެ އެ ކޮމިޝަނުގެ ކޮމިޝަނަރުން ބޭއްވި ބައްދަލުވުމުގައި ވަނީ ކޮމިޝަންގެ ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ބްރޯޑްކޮމްގެ ނިންމުންތައް ރިވިއުކުރެވޭ ގޮތަށް ބަދަލު ގެނެސް މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މައްސަލަތައް އަލުން ރިވިއު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ބްރޯޑްކޮމް އިން ބުނީ މައްސަލަތައް ހުށަހަޅާނީ "މައްސަލައިގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދޭ ފޯމު" އާއެކުގައި ކަމަށެވެ. އަދި އެ މައްސަލަތައް ބަލަން ނިންމާނީ ރިވިއުކުރުމަށް ޝަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ވާނަމަ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މައްސަލަ ހުށަހެޅުމާއި ބަލައިގަތުމުގެ ނިޒާމަށް ގެނައި ދެވަނަ ބަދަލަކީ މައްސަލައިގައި ހިމެނޭ ފަރާތްތައް ކޮމިޝަނަށް ހާޒިރުވެ މައްސަލައާ މެދު މަޝްވަރާކޮށް މައްސަލަ ހައްލުކުރެވޭނެކަމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި އެ ފުރުސަތު ދެ ފަރާތަށްވެސް ދިނުމާ ބެހޭ ޑިސްޕިއުޓް ރެޒޮލިއުޝަން މަރުހަލާއެއް ތައާރަފުކުރުމެވެ.
ބްރޯޑްކޮމް އިން ބުނީ ޑިސްޕިއުޓް ރެޒޮލިއުޝަންގެ ދަށުން މައްސަލައިގެ އަސްލެއް އޮތްތޯ ބެލުމަށް ކޮމިޝަނުން ބާއްވާ ބައްދަލުވުމުގައި ޑިޒްޕިއުޓް ރެޒޮލިއުޝަން ދިނުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
އަދި ޑިސްޕިއުޓް ރެޒޮލިއުޝަންގެ ފުރުސަތު އޮތް ކަމަށް ނިންމާ މައްސަލަތަކުގައި ހަތް ދުވަހުގެ ތެރޭގައި ބައްދަލުވުން އިންތިޒާމުކޮށް އެ ފަރާތްތަކަށް އަންގާނެ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ. އަދި އެ މަރުހަލާ ނިންމުމާއި އެކު ޑިސްޕިއުޓް ރެޒޮލިއުޝަންގެ މަރުހަލާގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެއްބަސްވެވޭ ގޮތެއްގެ މަތިން މައްސަލަ ނިންމާނެ ކަމަށްވެސް ވަނީ ބުނެފައެވެ.