ޗައިނާގެ ވޫހާން ސިޓީން ފެތުރި ދުނިޔޭގެ އެކި ހިސާބުތަކަށް ވެސް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖެ އަންނަން ހަދާފައިވާ ފަތުރުވެރިންގެ ބުކިން ކެންސެލޭޝަން 5،000 އަށްވުރެ ގިނަވެ، ޗައިނާ ނޫން މައި އެހެން ޓުއަރިޒަމް މާކެޓްތަކަށްވެސް އަސަރު ކުރަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރެޔާ ހަމަށް ކޮރޯނާ ވައިރަސްއާ ގުޅިގެން 2،000 އަށް ވުރެ ގިނަ ބުކިން ކެންސެލްކޮށްފައިވެ އެވެ. އޭގެ ތެރެއިން ގިނައީ ޗައިނާ މީހުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ، އެ އަދަދު މިހާރު ދެގުނަ ވެފައިވާ ކަމަށާއި ޗައިނާ ނޫން ގައުމުތަކުންވެސް ކެންސެލް ކުރާ ބުކިންގެ އަދަދު ގިނަވަމުންދާ ކަމަށެވެ.

"ބުކިން ކެންސެލޭޝަން މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ އަދަދު މިހާރު ވަނީ 5،556 ގައި. އޭގެ ތެރޭގައި ޗައިނާގެ 3،693. އިޓަލީިގެ 397. ޖަރުމަންގެ 187 ޔޫކޭގެ 162،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ: ބުކިން ކެންސެލޭޝަން މިހާރު ވަނީ 5،000 އަށްވުރެ މައްޗަށް އަރާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން މިހާރު ވަނީ ސީދާ ޗައިނާއިން އަންނަ ފްލައިޓްތައްވެސް އައުން މަނާ ކުރުމަށް ނިންމާފަ އެވެ.

އެ ނިންމުމާއެކު ބުކިން ކެންސެލޭޝަންގެ އަދަދު އަނެއްކެސްވެސް އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. އެގޮތުން ގައުމީ އެއާލައިން، މޯލްޑިވައިން އެކަނިވެސް ރާއްޖެ އައުމަށް މިހާރުވެސް ޓިކެޓް ނަގާފައިވާ ޗައިނާގެ 954 ފަތުރުވެރިން ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ނިންމުމަކީ ދިވެހި ރައްޔިޔުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަދި ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިންގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނިންމެވި ނިންމުމެއް،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ހާލަތުގައި ފިޔަވަޅު އަޅަމުން އަންނަނީ، ފަތުރުުވެރިކަމުގެ ސިނާއަތުގެ އެންމެހާ ވިޔަފާރިތަކާ ވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. މިހާރުގެ ހާލަތުގެ ސަބަބުން، އިގްތިސާދަށް ކުރާނެ އަސަރުގެ ދިރާސާއެއް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ހަދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދީ ގޮތުން މިކަމަށް އަންނަ ގޮންޖެހުންތައް ޓޭކް ކުރާނީ ސަރުކާރާ ޕްރައިވެޓް ސެކްޓާއާ ގުޅިގެން. ސަރުކާރުގެ ނިންމުންތައް މިދަނީ، ޓުއަރިޒަމްގެ މަސްލަހަތުވެރިންނާ މަޝްވަރާ ކުރުމަށްފަހު،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަތަމަ ސަމާލުކަން ދެނީ މިހާލަތުން އަރައިގަތުމަށް ފިޔަވަޅު އެޅުމަށް ކަމަށާއި އެއަށްފަހު އިގްތިސާދީ ގޮތުން އަންނަ ލޮޅުމަކުން އަރައިގަތުމަށް އިކޮނޮމިކް ކައުންސިލްގެ ލަފާގެ މަތިން ކެބިނެޓް ލެވެލްގައި ނިންމުންތައް ނިންމަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިބަލި ޗައިނާގެ އިތުރުން 18 ގައުމަކުން ފެނިފައިވާ އިރު މިހާތަނަށް މި ބައްޔަށް ފަރުވާ ކުރަން ޖެހޭ މީހެއްވެސް އަދި ޝައްކު ކުރެވޭ މީހެއްވެސް ނެތް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި ބަައްޔަށް ރާއްޖެ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެ ފައެވެ.

މިހާތަނަށް ދުނިޔޭގެ އެކި ތަންތަނުން މި ބައްޔަށް 7،500 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މަރުވި މީހުންގެ އަދަދު ވަނީ 170 އަށް އަރާފަ އެވެ.