30 Jan 2020, 16:35
ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހި ކުދިން އެތަނުން ނެރެ ރާއްޖެ ގެނައުމުގައި އަވަށްޓެރި ގައުމުތަކުން އެހީ ހޯދަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ މިހާރު ބަންދުކޮށްފައި އޮތް ވޫހާންގައި ޖުމްލަ ނުވަ ދިވެއްސަކު އެބަ ތިއްބެވެ.
ކޮރޯނާ ވައިރަސް ޕްރިވެންޝަން ކޯޑިނޭޝަން ކޮމިޓީއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިހާރު ބަންދުކޮށްފައި އޮތް ވޫހާން ސިޓީގައި ތިބި ނުވަ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން ވެގެން އެމްބަސީގައި ރަޖިސްޓްރީ ވެފައި ވަނީ ހަތް ދިވެހިން ކަމަށެވެ. އަދި އަނެއް ދެ ދިވެހިން ރާއްޖެ އަންނަން ބޭނުން ނޫން ކަމަށް ބުނެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ވޫހާން ސިޓީއަށް މީހުން ވަދެ ނިކުމެ އުޅުން މަނާކޮށްފައި އޮތް އިރު މިހާލަތުގައި އެތަނުން ދިވެހިން ނެރެގެން ރާއްޖެ ގެނައުމަކީ، އެހެން ގައުމަކާ ނުގުޅި ރާއްޖެއަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ، ބައެއް ގައުމުތަކުގެ މީހުން އެތަނުން ގެންދިޔުމުގެ ހުއްދަ ޗައިނާއިން މިހާރު ދީފައިވާ އިރު، ރާއްޖެއިން މަސައްކަތް ކުރަނީ އަވަށްޓެރި ގައުމެއްގެ ރައްޔިތުން ވޫހާންއިން ގެންނައިރު، އެ މީހުންނާ އެކު ދިވެހިން އެ ގައުމަށް ގެންދިޔުމަށް ކަމަށެވެ. އެކަމުގެ މަޝްވަރާތައް ހިނގާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވޫހާންގައި ތިބި އަންނަން ބޭނުންވާ ހަތް މީހުން ގެނައުމުގެ މަސައްކަތް ލަހެއް ނުވެ ކާމިޔާބު ވާނެ. އެ ގެންނަ ދިވެހި ރައްޔިތުން ސީދާ ގެންނަނީ ރާއްޖެއަށް ކަމުގައި ނުވާތީ، އެ ގެންދެވޭ ގައުމެއްގެ ޕަބްލިކް ހެލްތް އުސޫލުގެ މަތިން އެ އޮންނަ ކަރަންޓީނުގެ މުއްދަތު ނިންމާފައި ނޫނީ އެ މީހުން ރާއްޖެ ގެނެވޭކަށް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެއީ ކޮން ގައުމެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް، ވޫހާންގައި ތިބި އިންޑިއާ އާއި ސްރީލަންކާގެ ރައްޔިތުން އެ ސިޓީއިން ގެނައުމަށް އެ ގައުމުތަކުން އަންނަނީ ޗައިނާއާ އެކު މަޝްވަރާތައް ކުރަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިދަނޑިވަޅުގައި ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސްކަމެއް ދޭނެ ކަންތައް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައި ދިވެހިން ސަމާލުވުމުގެ އިތުރަށް، ބޭރު ގައުމަކަށް ދާއިރު އެތަނުގައި ހުންނަ ދިވެހި އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް ދިވެހިންގެ ކިބައިން އެދޭ ކަމަށެވެ.
އެގޮތުން ޗައިނާގެ އެކި ސަރަހައްދުތަކުގައި 69 ދިވެއްސަކު އުޅޭކަމަށް އެމްބަސީގެ ރެކޯޑްތަކުން ދައްކާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެމްބަސީގެ ހޮޓްލައިނުން އެ އެމީހުންނަށް ގުޅައި ހާލު ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވޫހާނުން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން، ރާއްޖެ އަންނަން ބޭނުން ވެގެން އެދިފައި އޮތީ އަދި އެންމެ ދެ މީހަކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ނިންމަވާފައި ވަނީ ޗައިނާގައި ތިބި ދިވެހިންނަށް ރާއްޖެ އައުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހިލޭ ކޮށްދޭ ގޮތަށެވެ.
ވޫހާން ސިޓީ އެއްކޮށް ބަންދުކޮށްފައި އޮންނަތާ މިހާރު ވަނީ ދެ ހަފްތާ ވެފަ އެވެ. އެ ސިޓީގައި ތިބި ބައެއް ދިވެހިން އިއްޔެ "ސަން"އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ކެއުމަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް އުނދަގޫވެފައިވާ ކަމަށެވެ. އަދި ގޭން ބޭރަށް ނުނިކުމެ ތިބޭތާ ހަތް ދުވަސް ވެފައިވާ ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ.