04 Dec 2011, 09:12
ވޮޝިންގޓަން (ޑިސެމްބަރ 3) : މެދުއިރުމަތީގައި އިސްރާއީލު ކުރިޔަށްވުރެ ބޮޑަށް އެކަހެރިވަމުންދާ ކަމަށާއި ހަމައެކަނި ޢަސްކަރީ ބާރަށް ބަރޯސާވެގެން އިސްރާއީލަށް އަމާންކަމުގައި ނޫޅެވޭނެ ކަމަށް އެމެރިކާގެ ދިފާޢީވަޒީރު ލިޔޮން ބެނީޓާ ވިދާޅުވެއްޖެއެވެ.
ވޮޝިންގޓަންގެ ބްރޫކިންގްސް އިންސްޓްިޓިއުޓްގައި ވާހަކަ ދައްކަވަމުން ބެނީޓާ އިސްރާއީލުގެ ވެރިންނަށް ގޮވާލެއްވީ އިސްރާއީލު އެކަހެރިވަމުންދާ މައްސަލަ ޙައްލުކުރުމަށް ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އެޅުމަށެވެ. މެދުއިރުމަތީގައި އިސްރާއީލު އެކަހެރިވަމުންދާ މައްސަލައަކީ އެމެރިކާ ކަންބޮޑުވާ މައްސަލައެއް ކަމަށް ބެނީޓާ ސިފަކުރެއްވިއެވެ.
މެދުއިރުމަތީގައި އިސްރާއީލާއެކު ގުޅުންތައް ބާއްވަމުން ގެންދިޔަ ހަމައެކަނި ދެޤައުމުކަމަށްވާ ތުރުކީއާއި މިސްރުވެސްވަނީ އިސްރާއީލާއެކު ބާއްވާ ގުޅުންތައް ކުޑަކޮށް އިސްރާއީލާ ދުރަށް ޖެހިލާފައެވެ. މިކަމުގެ ސަބަބުން އިސްރާއީލުވަނީ އެޤައުމުގެ ވަށައިގެންވާ މެދުއިރުމަތީގައި މުޅިންކަހަލަ ގޮތަކަށް އެކަނިވެ އެކަހެރިވެފައެވެ.
ޣައްޒާއަށް އިންސާނީ ހިފައިގެންދިޔަ ތުރުކީގެ ސުލްޙައިގެ އެކްޓިވިސްޓުންތަކެއް މަރާލިމައްސަލާގައި ތުރުކީންވަނީ އިސްރާއީލުގެ ސަފީރު އަންކަރާއިން ބޭރުކޮށް އިސްރާއީލާ ދެކޮޅަށް އިޤްތިސާދީ ގޮތުންނާއި ޢަސްކަރީ ގޮތުން ބައެއްކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.
މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓި ޑިމޮކްރެޓިކް ވެރިކަމަކާ ދިމާއަށް މިސްރު މިސްރާބުޖެހުމާއެކު މިސްރުންވަނީ ކޭމްޕްޑޭވިޑް ސުލްޙައިގެ މުޢަހަދާ އިސްލާޙް ކުރަންޖެހިދާނެ ކަމަށްބުނެ އިސްރާއީލާ ދުރަށް ޖެހިލާފައެވެ. އަދި މިސްރު ރައްޔިތުންގެ ފިއްތުންތަކާގުޅިގެން މިސްރުގައި ހުންނަވާ އިސްރާއީލުގެ ސަފީރުވެސް އަނބުރައި ގައުމަށް ގެންދަންޖެހި އިސްރާއީލުގެ ޑިޕްލޮމޭޓުންނަށް މިސްރުގައި ބޮޑެތި ދަތިތަކެއް ތަޙައްމަލްކުރަންޖެހިފައިވެއެވެ.
ބެނީޓާގެ ވާހަކާގައި އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައާއި އެމެރިކާއާއި މިސްރާއީލުގެ ދިގުމުއްދަތުގެ ލަނޑުދަނޑިތައް މެދުއިރުމަތީގައި ޙާސިލްކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް އިސްރާއީލިގެ ކިބައިން އެދިވަޑައިގެންފައެވެ. މިކަމަށްޓަކައި މެދުއިރުމަތީގެ ސުލްހައިގެ ކަންތައްތަކުގައި ކުރިއެރުންތަކެއް ހޯދަންޖެހިފައިވާއިރު ވޭތުވެދި ހަތަރުވަރަކަށް އަހަރުތެރޭގައި ސުލްޙައިގެ ކަންތައްތައް މުޅިންހުއްޓިފައިވާކަން ވަރަށް ކަންބޮޑުވުމާއެކު ބެނީޓާ ފާހަގަކުރެއްވިއެވެ.
ސުލްޙައިގެ ވާހަކަތައް ހުއްޓިފައިވަނީ ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ނިގުޅައިގަނެފައިވާ ޙައްޤުތައް އަނބުރައި ދިނުމަށާއި ވަޒަނުން ބޭރުކޮށްލެވިފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް ވަޒަނަށް އެނބުރި ރުޖޫޢަވުމުގެ ޙައްޤު ދިނުމަށް އިސްރާއީލު ދެކޮޅު ހަދަމުން ގެންދިޔުމުގެ ސަބަބުން ކަމަށްވިޔަސް މިމައްސަލަތައް ބެނީޓާ ފާހަގަ ކުރައްވާފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)