ދިއްލީ (ޖެނުއަރީ 30): އިންޑިއާގެ ކެރަލާގައި މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ.

އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯއިން ބުނި ގޮތުގައި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ކެރަލާއަށް ދަތުރުކުރި ޗައިނާގެ ވޫހާން ޔުނިވާސިޓީގެ ދަރިވަރެކެވެ. އަދި އެ ދަރިވަރަށް މިހާރު ދަނީ ފަރުވާދެމުންކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް އެ ބިއުރޯއިން ބުންޏެވެ. ނަމަވެސް އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ހާމަ ނުކުރެއެވެ.

އިންޑިއާ ސަރުކާރުން ވަނީ އެގައުމުން އޮތީ ވައިރަސް ފެތުރިދާނެތީ ތައްޔާރަށްކަމަށް ބުނެފައެވެ. އަދި އެއާޕޯޓުތަކުގައި މީހުންގެ ހުން ބަލަން ތާމަލް ސްކްރީނިން ސެންސަރުތައް ބަހައްޓާފައިވާ ކަމަށާއި އެއާޕޯޓުތައް ކައިރީގައި އެމްބިއުލާންސްތައް ބާއްވާފައިވާ ކަމަށް ބުންޏެވެ.

އިންޑިއާއިން ވަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ވައިރަސް ހުރިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ މީހުން ހޮސްޕިޓަލުގައި ބައިތިއްބާފަ އެވެ. އެގޮތުން މަހާރަޝްތުރާގެ އެކި ހޮސްޕިޓަލްތަކުގައި 27 މީހެއްގެ ހާލު ގާތުން ބަލަމުންދާ ކަމަށާއި 18 ސާމްޕަލްއެއް ވައިރަސްއަށް ޓެސްޓު ކުރުމަށް ފޮނުވާފައިވާ ކަމަށް އެސްޓޭޓުން ބުންޏެވެ.

ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާވައިރަސް މިހާރު ވަނީ އެގައުމުގެ ހުރިހާ ސަރަހައްދަކަށް ފެތުރިފައެވެ. އަދި އެ ވައިރަހުގެ ސަބަބުން އެގައުމުގެ 170 މީހަކު މަރުވެފައިވާ އިރު، ޗައިނާއާއި އިންޑިއާގެ އިތުރުން 17 ގައުމަކުން އެވައިރަސް ވަނީ ފެނިފައެވެ. އެ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 8،000 އާ ކައިރިވެފަ އެވެ.