ގައުމީ ބޭންކް، ބީއެމްއެލްއަށް މިދިޔަ އަހަރުގެ ސާފު ފައިދާއަށް ހޯދުނީ 961.74 މިލިއަން ރުފިޔާ ކަމަށް އެ ބޭންކުން އާންމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓާ، ހަތަރު ވަނަ ކުއާޓާގެމާލީ ރިޕޯޓްގައި ބުނެފި އެވެ.

އެހެން ނަމަވެސް، 2018 ވަނަ އަހަރު ބީއެމްއެލްއިން ވަނީ، ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހޯދައިފަ އެވެ. އެހެން ކަމުން މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާ މި ވަނީ، 12 ޕަސެންޓް ދަށްވެފަ އެވެ. އެއީ، 2018 ވަަނަ އަހަރު ލިބުނު ފައިދާއާ އަޅާބަލާއިރު 137 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު 961.74 މިލިއަން ރުފިޔާގެ ސާފު ފައިދާއަކީ، ހިއްސާއަކަށް 179 ރުފިޔާ ޖެހޭވަރުގެ އަދަދެކެވެ.

ކުއާޓަލީ ރިޕޯޓާ އެކު ބީއެމްއެލް އިން ނެރުނު، ނޫސްބަޔާނުގައި ބުނީ، ބޭންކުގެ ފައިދާ ދަށްވާނެ ކަމަށް ކުރިން ވެސް ލަފާކުރެވުނު ކަމަށެވެ. އަދި ފައިދާ ދަށްވެފައި ވަނީ ކުރިން ވެސް ލަފާކުރި ގޮތަށް، އިންވެސްޓްމަންޓްތަކުގެ ސަބަބުން ހިންގުމުގެ ހަރަދާއި ޕްރޮވިޝަން ޗާޖް އިތުރު ވެފައިވާތީ ކަމަށް ވެސް ނޫސްބަޔާނުގައި ބުންޏެވެ.

ކުއާޓަލީ ރިޕޯޓްގައި ދައްކާ ގޮތުގައި، ބީއެމްއެލްއަށް ހިންގުމުގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ، 2.15 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ޖުމްލަ ފައިދާގެ ގޮތުގައި، 1.32 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އިންކަމް ޓެކުހަށް ވަނީ، 355.96 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ނުދައްކާ ހުރި ލޯންތަކުގެ ޕްރޮވިޝަންއަށް މިދިޔަ އަހަރު ވަނީ، 288.14 މިލިއަން ރުފިޔާ ކަނޑައިފަ އެވެ. އަދި ބޭންކުގެ ހިންގުމުގެ ހަރަދަށް ވަނީ، 540.23 މިލިއަން ރުފިޔާ ހަރަދުވެފަ އެވެ.

މީގެ އިތުރުން ބޭންކުން ބުނީ، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ވަނީ ވަރަށް ރަނގަޅު ފައިދާއެއް ހޯދިފައި ކަމަށެވެ. އެގޮތުން، ބޭންކުގެ އެސެޓް 491 މިލިއަނާ ހަމަޔަށް އިތުރުވެފައިވާއިރު ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީ ގައި ހިފެހެއްޓިފަ އެވެ. ބޭންކުގެ ބެލެންސް ޝީޓަށް ވަނީ ތިން ބިލިއަން ރުފިޔާގެ ކުރިއެރުމެއް މިދިޔަ އަހަރު ލިބިފަ އެވެ.

ބީއެމްއެލްގެ 2019ގެ ފަހު ކުއާޓާގެ އުސްއަލިތައް:

  • މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވުން.

  • ނ. ވެލިދޫގައި ބޭންކުގެ ބްރާންޗެއް ގާއިމްކުރި.
  • ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުން 10 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން
  • ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް ބީއެމްއެލް މޮޓޮރައިޒްޑް ވީލްޗެއާ ދިން.

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މިއަހަރުވެސް ބޭންކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އިތުރުވަމުން އަންނަ ކަސްޓަމަރުންގެ ޑިމާންޑަަށް ބަލައި، ކަސްޓަމަރުންނަށް ފުރިހަމަކަމާއި ފަސޭހަމަކާއެކު ބޭނުންކުރެވޭނެ ހިދުމަތް ދިނުމަށް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރަން ވިސްނާފައިވާކަން ވެސް އޭނާ ހާމަކުރެއްވި އެވެ.

އެގޮތުން މި ކުއާޓަރުގައި އިތުރު ސެލްޕް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމް ކުރުމާއި އެކައުންޓް އޯޕަނިން ސެންޓަރަކާއި ލޯން ސެންޓަރެއް ވެސް ހުޅުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ފައިނޭސިންގ ޕްރޮޓަކްޓްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ،" ޓިމް ވިދާޅުވި އެވެ.