އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަށް ރުހުން ދިނުމެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މި މަހުގެ 19 ވަނަ ދުވަހުގެ ޖަލްސާގައި އެޖެންޑާ ކުރުމަށް ފަހު އެކަން މެންބަރުންނަށް އަންގަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިރޭ ވިދާޅުވީ ޑރ. މަޖީދަށް ރައްޔިތުންގެ މަޖިލީހުގައި ރުހުން އޮތްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ނަގާ ވޯޓުގެ ނޯޓިސް މަޖިލީހުގެ މެންބަރުންނަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ދެ ވަނަ ފަހަރަށް އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އައްޔަން ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ ކުރީ ކޮޅުގަ އެވެ.
އޭނާ އަށް ރުހުން އޮތްތޯ ނުވަތަ ނޫންތޯ މަޖިލީހުން ކަނޑައެޅުމުގެ މައްސަލަ ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ސަމާލުކަމަށް އެކަން ގެންނަވައިފަ އެވެ.

އެ ދުވަހު މަޖިލީހުގެ ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި އެ ވޯޓް ނަންގަވާނެ ކަމަށެވެ. އަދި އެ މައްސަލާގައި މެންބަރުންނަށް ނޯޓިސް ދެއްވާފައި މި ވަނީ އެ މައްސަލަ ބައެއް މެންބަރުން ފެންމަތި ކުރެއްވިތާ ހަފުތާއެއް ވެސް ނުވަނީހެވެ.