ވޮޝިންޓަން (30 ޖަނަވަރީ 2020):އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކުރީގެ މުސްތަޝާރު ޖޯންބޯލްޓަން އަށް ބަހުގެ ހަރުކަށި ހަމަލާތަކެއް ރައްދު ކުރައްވައިފި އެވެ.

ޓްރަމްޕް މި ހަމަލާތައް ރައްދުކުރެއްވީ މިދިޔަ އަހަރު ބޯލްޓަން މަގާމުން ދުރުކުރުމާއެކު ބޯލްޓަން ލިޔުއްވަމުން ގެންދަވާ ފޮތުގައި ޓްރަމްޕް ބޭޒާރުވާފަދަ އަދި ޓްރަމްޕް މަގާމުން ދުރުކުރުމަށް ސެނެޓުން ކުރާ ޝަރީއަތުގައި ޓްރްމްޕާ ދެކޮޅަށް ބޭނުންކުރެވޭފަދަ ހައްސާސް މައުލޫމާތުތަކެއް ހުރިކަން ލީކުވުމާ ގުޅިގެންނެވެ. ބޯލްޓަންގެ ފޮތުގައި ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމަށްޓަކައި ޓްރަމްޕް ޔުކްރޭންގެ ރައީސް ވްލަޑީމީރު ޒިލިންސްކީއަށް ސީދާގޮތެއްގައި ފިއްތުންތަކެއް ކުރިމަތިކުރެއްވިކަމާއި އޭގެތެރޭގައި ޔުކްރޭނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ އެހީތައް ނުދީ ހިފަހައްޓާނެކަމުގެ އިންޒާރު ޓްރަމްޕް، ޒިލިންސްކީއަށް ދެއްވުންހިމެނޭކަން ލީކުވެފައިވާ މައުލޫމާތުތައް ބުނެ އެވެ.

މިއީ ޓްރަމްޕް މަގާމުން ދުރުކުރުމަށް ސެނެޓުން މިހާރު ބަލާ މައްސަލައިގެ އަސްލެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ކުރި ތަހްގީގްތަކުންވަނީ ސިޔާސީ މަގްސަދުތަކެއް ޙާސިލްކުރުމަށްޓަކައި ޓްރަމްޕް ޔުކްރޭންގެ ރައީސްގެ ކިބައިން ކަންކަމަށް އެދިވަޑައިގަތުމުގެ އިތުރުން އެކަންކަން ކޮށްނުދޭނަމަ އެމެރިކާގެ އެހީތައް ކަނޑާލާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިކަން ސާބިތުވެފައެވެ. ސެނެޓުން މިހާރުކުރަމުން ގެންދަނީ އެއީ ތެދެއްކަން ނުވަތަ ނޫންކަން ބެލުމުގެ މަސައްކަތެވެ.

ބޯލްޓަންގެ ފޮތުގައިވާ މައުލޫމާތުގެ ސަބަބުން މިމައްސަލަ ޓްރަމްޕްގެ މައްޗަށް ސާބިތުވުމުގެ ފުރްސަތުވަނީ ބޮޑުވެފައެވެ. މިމައްސަލާގައި ކޯފާވެވަޑައިގެން ޓްރަމްޕް ވިދާޅުވީ ބޯލްޓަންއަކީ އާދަޔާ ޚިލާފު ހަރުކަށި ބޭފުޅެއްކަމަށާ އޭނާ މަގާމުން ދުރުކުރަންޖެހުނު ސަބަބުތަކުގެ ތެރޭގައި އޭނާގެ ހަރުކަށިވިސްނުން ހިމެނޭކަމުގައެވެ. އަދި އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް އިންތިޚާބުވުމާއެކު އދ. ގައި ހުންނަވާ އެމެރިކާގެ ސަފީރުކަމުގެ މަގާމު ދިނުމަށްއެދި ބޯލްޓަން އާދޭސްކުރެއްވި ކަމަށާ ނަމަވެސް އޭނާގެ ހަރުކަށި ފިކުރުގެ ސަބަބުން ސެނެޓްގެ ރުހުން ނުލިބިދާނެކަމުގެ އިޙްސާސް ކުރެއްވޭތީ އެމަގާމު ނުދެއްވީ ކަމުގައެވެ. އެއަށްފަހު ސެނެޓްގެ ރުހުން ހޯދަންނުޖެހޭފަދަ ސިޔާސީ އިސް މަގާމެއް ދިނުމަށްވެސް ބޯލްޓަން އާދޭސް ކުރެއްވިކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ބޯލްޓަން އަށް ބަހުގެ ޙަމަލާތައް ދެއްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ ބޯލްޓަން މަގާމުން ދުރުނުކުރިނަމަ އަދި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ކަމުގެ މަގާމުގައި ބޯލްޓަން ބެހެއްޓިނަމަ އެމެރިކާ މިހާރު އުޅޭނީ ދުނިޔޭގެ ހަވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ކަމަށާ ބޯލްޓަންއަކީ ގައުމުތަކާ ދެކޮޅަށް އިސްވެ ހަމަލާދީ ހަނގުރާމަފެށުމަށް ވަރަށް ބޮޑަށް ބާރު އެޅުއްވި ބޭފުޅެއްކަމުގައެވެ. މީގެއިތުރުން ބޯލްޓަން ލިޔުއްވާ ފޮތަކީ އޭނާ މަގާމުން ދުރުކުރުމާއެކު ބަދަލުހިފުމުގެ ރޫހުގައި ލިޔުއްވާ ފޮތެއްކަމަށާ އެފޮތުގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ސިއްރުތަކެއް ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ހަރުކަށި ޒަޔަނިސްޓް ފިކުރުގެ ބޯލްޓަންއަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އދ. ގައި ހުންނެވި އެމެރިކާގެ ސަފީރެވެ. އެދުވަސްވަރު އިރާގާ ދެކޮޅަށް ހަނގުރާމަ ފެށުމަށް މަގުފަހިކުރުމަށްޓަކައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަން ބަޔާންކޮށް ދޮގު ރިޕޯޓެއް ތައްޔާރު ކުރުމަށް ބޯލްޓަން އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭ އަށް އެންގެވިކަން ވިކިލީކްސް އިން ބޭޒާރުކޮށްލި އެމެރިކާ ސަރުކާރުގެ ލިޔުންތަކުންވަނީ ހާމަވެފައެވެ.

އިރާގުގައި ފަނާކުރަނިވި ހަތިޔާރުހުރިކަމަށް ބުނެ ބުޝްގެ ސަރުކާރުން އިރާގުގެ މައްޗަށް ތުހުމަތުތައްކުރީ ސީއައިއޭގެ އެ ދޮގު ރިޕޯޓް ގެ މައްޗަށް ބިނާކޮށެވެ. އިރާގަށް އެމެރިކާ ސިފައިން އެރުމާއެކު ބުޝްގެ ސަރުކާރުން ބުނި ފަނާކުރަނިވި ހަތިޔާރު އިރާގުގައި ނެތްކަމާއި އެމެރިކާ އިރާގަށް އަރައިގަތީ ދޮގު ހަދައި އޮޅުވާލައިގެންކަން ދުނިޔެއަށް ހާމަވެ ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ ބޭޒާރުވެ އިތުބާރު ގެއްލިގެން ގޮސްފައިވެއެވެ.

ބޯލްޓަން އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ޓްރަމްޕްގެ މުސްތަޝާރަކަށް ހުންނެވިއިރު އީރާނަށް އިސްވެ ހަމަލާދިނުމަށާއި އުތުރުކޮރެއާ އާ ދެކޮޅަށް އިސްވެ ޙަމަލާ ދިނުމަށް ޓްރަމްޕަށް ބާރު އެޅުއްވިކަމަށް ރިޕޯޓްތައް ބުނެއެވެ. ބޯލްޓަންގެ ސަަބަބުން ހަވަނަ ބޮޑު ހަނގުރާމައަކާ ހަމައަށް އެމެރިކާ ދިޔައީސްކަމަށް ޓްރަމްޕް ވިދާޅުވީ އެކަމަށް އިޝާރާތް ކުރައްވައި ކަމަށް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)