03 Dec 2011, 21:12
އަމިއްލަ މީޑިއާތަކަށް ނާންގައި ރޭ ދެ ވަނަ ފުރުސަތުގެ ދަށުން އިތުރު 39 ގައިދީއަކު މިނިވަންކޮށް އާއިލާތަކާ ހަވާލުކޮށްފި އެވެ.
އެމްއެންބީސީ ވަންގެ މިއަދުގެ ޚަބަރުގައި އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެމްއެންބީސީ ވަންގެ ޚަބަރުގައި ކިޔާފައިވާ ގޮތުގައި ރޭ މިނިވަންކޮށް އާއިލާތަކާ ހަވާލު ކުރި ގައިދީންގެ ތެރޭގައި މަސްތުވާތަކީގެ މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހުންގެ އިތުރުން އެހެނިހެން ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހުން ވެސް ހިމެނެ އެވެ.
ދެ ވަނަ ފުރުސަތުގެ ދަށުން މިހާތަނަށް 331 ގައިދީއަކު މިނިވަންކޮށްފައިވާ ކަމަށާއި އޭގެތެރެ އިން 165 މީހަކު މާލޭގައި ދިރިއުޅެމުންދާ އިރު އަތޮޅު ތެރޭގައި 112 މީހަކު އުޅެމުންދާ ކަމަށް ވެސް އެމްއެންބީސީ ވަންގެ ޚަބަރުގައި ބުނެފައިވެ އެވެ.
ދެ ވަނަ ފުރުސަތުގެ ދަށުން ކުށްވެރިން މުޖުތަމައަށް ދޫކުރާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ ދެ ވަނަ ފުރުސަތުގެ ދަށުން ކުށްވެރިން މުޖުތަމައުއަށް ދޫކުރާ މައްސަލާއިގައި އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް ޑީޕީއާރުއެސް އާއި ހޯމް މިނިސްޓްރީން އެއްބާރުލުން ނުދެއްވާ ކަމަށެވެ.
ދެވަނަ ފުރުސަތުގެ ދަށުން މުޖުތަމައަށް ނުރައްކާވާ ފަދަ ކުށްތަކަށް އަރައިގެންފައިވާ މީހުން ވެސް ދޫކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.