"ގެއިން ބޭރަށް ނުދާތާ ވެސް ހަތް ދުވަސް މިވީ. ތަރުކާރީ، ޕާން ބިސްކަހަލަ ކެއުމަށް ބޭނުންވާ އާންމު އެއްޗިހި ހޯދަން ވަރަށް އުނދަގޫ. ވަރަށް އަގުވެސް ބޮޑު. އޮންލައިންކޮށް ވެސް ހުރިހާ އެއްޗެއް ނުލިބޭ. ދެން ލިބެން ހުރި އެއްޗެއް އޯޑަރުކޮށްގެން މި މެނޭޖް ކުރަނީ،" ކޮރޯނާވައިރަސް ފެތުރެން ފެށުމުން، މިހާރު ބަންދުކޮށްފައި އޮތް ޗައިނާގެ ވޫހާން ސިޓީގައި، އަންހެނުންނާއި އޭނާގެ ތުއްތު ދަރިފުޅާ އެކު ދިރިއުޅެމުން އަންނަ، ދިވެއްސެއް ކަމަށްވާ، މުހައްމަދު އިފްރާޙު (އަސްލު ނަމެއް ނޫން) އޭނާގެ މަޖުބޫރީ ހާލަތު، "ސަން"އަށް ކިޔައިދޭން ފެށީ މިހެންނެވެ.

އުސް އިމާރާތްތަކާއި ކުލަ ބޮކިތަކުން ފުރިހަމަވެފައިވާ ވޫހާން ސިޓީއަށް މީގެ ދެއަހަރެއްހާ ދުވަސް ކުރިން އާއިލާއާ އެކު އިފްރާހު ބަދަލުވީ މި ސިޓީގައި ހުންނަ ޔުނިވަސިޓީއަކުން މަތީ ތައުލީމު ހާސިލު ކުރާށެވެ. އޭނާގެ ކިޔެވުން ނިމި އެނބުރި ރާއްޖެ ދާން މާގިނަ ދުވަހެއް ވެސް މިހާރު ނެތް އިރު، ވޫހާންގެ ހިތްހަމަ ޖެހުމުގެ ތެރެއިން އެ އާއިލާއަށް އޮތް އުފާވެރިކަމަކީ އަނބުރާ ރާއްޖެ ދެވެން އުޅޭ ކަމުގެ އިހުސާސެވެ. އެކަމަކު، މި ކުޑަކުޑަ ދިވެހި އާއިލާގެ އުފާވެރި ކަމަށް ނިމުމެއް އައީ، މައިތިރި ނުވެ ފެތުރެމުން ދިޔަ ކޮރޯނާ ވައިރަހާ އެކު މުޅި ސިޓީ ބަންދުކޮށްލުމުންނެވެ.

ވޫހާން ސިޓީގައި ތިބި އެތައް މިލިއަން މީހުންނެކޭ އެއްގޮތަށް، މި ސިޓީއިން ނުނިކުމެ ތާށިވެފައި ތިބި އިފްރާހު އާއި އާއިލާއަށް ވެސް އޮތީ މިވަގުތަށް ކެތްކުރުމެވެ. ވާއެއް ނުވާއެއް ނޭނގޭ ބޮޑު ބިރެއްގެ ތެރެއިން ހިމޭންވެފައި އޮތް މި ސިޓީގައި މި ދިވެހި އާއިލާއަށް ޖެހިފައި ވަނީ، ގޭގައި ބަންދު ވެގެން ތިބޭށެވެ. އިފްރާހު ބުނި ގޮތުގައި، އެ މީހުންނަށް އޮތީ މި ހަގީގަތާ ކުރިމަތިލާ މިކަމުން މިންޖުވޭތޯ ﷲގެ ހަޒުރަތުގައި ދުއާކުރުމެވެ.

"ކަންބޮޑުވިއަސް މި ބަލަނީ، ޕޮޒިޓިވް ވެގެން ހުރެވޭތޯ. ދަރިންނާއި އަންހެނުން ވެސް މިކޮޅުގައި ތިބީމާ ނެގެޓިވް ތޯޓްސްތައް ވީހާވެސް ދުރުކޮށްގެން މި އުޅެނީ. ބޭބީއަށް ކާންދޭން ކަހަލަ ކާނާ އެއްޗިހި ވެސް ނުލިބޭ. މީގެ ކުރިން މާލެއިން ލިބިފައި ހުރި މަސްކޮޅެއް މުގުރާލައިގެން މިދުވަސްކޮޅު ރޮށި ކަހަލަ އެއްޗިހި ދަރިފުޅަށް ވެސް މި ދެނީ،" އިފްރާހު ބުންޏެވެ. "ވަކި ކޮންޓްރޯލް ވާކަމުގެ ނިޝާނެއް އަދި ނެތް. އެހެންވެ، ގޭން ބޭރަށް ވެސް ނުނެރެން އެއްގޮތަކަށް ވެސް އަންހެނުންނާއި ދަރިފުޅު. ވީވަރަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މި އުޅެނީ. ﷲ އިރާދަ ކުރެއްވިއްޔާ މިކަމުން މިންޖުވާނެ. މި ހާލަތުން އަރައިގަނެވޭނެ،"

ވޫހާންގެ ޓްރެއިން ސްޓޭޝަންތައް ބަންދުކޮށްފައިވާ އިރު، އެ ގައުމުގެ ސިފައިން އެތަންތަނުގައި ފޯރިމަރަނީ --

މިދިޔަ ހުކުރު ދުވަހު ވޫހާން ސިޓީއިން މީހުން ބޭރަށް ދިޔުމާއި އެ ސިޓީއަށް އައުން އެކީ މަނާކޮށް މުޅި ސިޓީގެ ދަތުރުފަތުރުގެ ހިދުމަތްތައް ވަނީ އެއްކޮށް ހުއްޓުވާލައިފަ އެވެ. އިފްރާހު ބުނި ގޮތުގައި މިވަގުތު، ގޭގައި ހުރީ ހަފްތާއަކަށް ވާވަރުގެ ކާތަކެއްޗެވެ. ފިހާރަތަކާއި ސުޕަމާކެޓްތައް އަދި މާރުކޭޓްތައް ވެސް އެކީ ބަންދުކޮށްފައިވާ އިރު، ގެއަށް ބޭނުންވާ ފެން ފަދަ، ޒަރޫރީ ތަކެތި ލިބެނީ "އޮންލައިން އެޕްލިކޭޝަނެއް" މެދުވެރިކޮށް އޯޑަރުކޮށްގެންނެވެ. އެކަމަކު، ގިނަ ފަހަރު އެ މީހުންގެ އަތުން ވެސް ތަކެތި ހުންނަނީ ހުސްވެފަ އެވެ.

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ސިޓީގައި މީގެ ކުރިން ކޮންމެ ކަމެއް ފަސޭހައިން ކޮށްލެވުނު ނަމަވެސް، މިހާރު ކޮންމެ ކަމެއް ވެސް ކުރަން އެތައް ތަކުލީފެއް އުފުލަން ޖެހެ އެވެ. އިފްރާހު ބުނީ، ގެއަށް އޯޑަރުކޮށްގެން ގެންނަ ކޮންމެ އެއްޗެއް ވެސް ހޫނުފެނުން އެތައް ފަހަރަކު ދޮންނަން ޖެހެ އެވެ. ގެއިން ބޭރަށް ބޯދިއްކޮށްލައިފި ނަމަ، ލައިގެން ހުންނަ ހުރިހާ އެއްޗެއް ދޮވެ ސާފުކުރެ އެވެ. މާސްކް އަޅައި މަތި މައްޗަށް އެތައް ހެދުމެއްލާ، ޑިސްޕޯސަބަލް އަންގިވެސް އަތަށް ލައްވަ އެވެ. އެ މީހުން ތިބެނީ ގޭގެ ދޮރުތައް ވެސް ބަންދުކޮށްލައިގެންނެވެ.

"ބޭބީ ހުންނާތީ ވަރަށް ބޮޑަށް ބަލައިގެން އުޅެނީ. ހޫނު ފެނުން އެބަ ދޮންނަން ގެެއަށް ގެންނަ އެއްޗިހި. ބޭރަށް ގޮސްފަ އައިސް، އަންގި އެއްޗިހި މި އުކާލަނީ. އަދި އެ ލައިގެން ހުންނަ އެއްޗިހި ބަދަލުނުކޮށް ބޭބީ ހުންނަ ރޫމްއަށް ނުވެސް ވަންނަން. އެންމެ ދެ ދުވަހަކު އަހަރެން ބޭރަށް ވެސް މި ނުކުމެލީ،" މީގެ ކުރިން ކާރޫބާރޫ ބޮޑު ވޫހާން އަކީ، މިހާރު ސަހަރާއެއްގެ ގޮތުގައި ސިފަކުރަމުން އިފްރާޙު ބުންޏެވެ.

ވޫހާންގެ މަގުތައް މަތިން ފެންނަނީ ފަޅުކަން --

އޭނާ ބުނި ގޮތުގައި އެ ސިޓީއަކީ ޗައިނާގެ އެންމެ "ހެޕަނިން" ސިޓީ އެވެ. ކާރޫ ބާރު ބޮޑު ވިޔަފާރީގެ މަރުކަޒެކެވެ. ދުނިޔޭގެ އެތައް މިތަނުން މީހުން އެކި ބޭނުންތަކުގައި އައި ސިޓީއެކެވެ. އެހެން ނަމަވެސް، އިފްރާހު ސިފަކުރާ ގޮތުގައި މުޅި ސިޓީ ވަނީ ހަމަ ހިމޭންވެ، ފަޅުތަނަކަށް ވެފަ އެވެ. މީހެއްގެ ހިލަމެއްވެސް ނުވެ އެވެ. މިއިން ދުވަހަކު އިންސާނަކު އުޅެފައިވާތަނެއްހެން ހީވެސް ނުވާކަމަށް އިފްރާހު ބުންޏެވެ.

"މީގެ ހަފްތާއެއްހާ ދުވަސް ކުރިން މިއީ އެންމެ ލައިވްލީ އެއް ސިޓީ، އެންމެ ބިޒީ ސިޓީ. އެކަަމަކު މިހާރު މަގުމަތީގައި ވެހިކަލެއްހާ ހިސާބުވެސް ނުފެނޭ. ލޯމަރާލާފައި ހަމަ މަގުވެސް ހުރަސް ކޮށްލަންވީ. މުޅި ސިޓީ ފަޅުވެފައި. ކުރިން ހުރި ކުލަ ބޮކިތަކާއި މީހުންގެ އަޑުތަކާއި ވެހިކަލްގެ އަޑުތައް ވެސް މުޅިން ކެނޑި ހިމޭންވެފައި މި އޮންނަނީ،" އިފްރާހު ބުންޏެވެ.

އެކަނިހާލައިގެން ބީރަށްޓެހި ސިޓީއެއްގައި!

ޗައިނާގެ ދިގު ޔަންގްޒީ ކޯރު ގޮސް ވޫހާން ސިޓީ އުތުރަށާއި ދެކުނަށް ފަޅިކޮށްލާ އިރު، އިފްރާހު ދިރިއުޅެނީ އެ ވައިރަސް ފެނުނު، ހަންކޯއު ސަރަހައްދުގައި ހުންނަ ސީފުޑް މާރުކޭޓާ ގަޑިއެއްހާއިރު ދަތުރުކޮށްފައި ދެވޭ ދުރުމިނުގައި ހުންނަ އަވަށެއްގައެވެ.

އިފްރާހުގެ އޮތް ބިރަކީ، އެ ވައިރަސްގެ އަސަރު އާއިލާ އާއި އޭނާއަށް ކޮށްފާނެތީ އެވެ. ސަބަބަކަށް ވަނީ، އެ ބަލި ޖެހިއްޖެ ނަމަ އަޅާލާނެ އާއިލާގެ މީހަކު ވެސް ކައިރީގައި ނެތީމަ އެވެ. އެ ސިޓީގެ ހޮސްޕިޓަލްތައް ތޮއްޖެހިފައިވާ އިރު ގިނަ ޑޮކްޓަރުންނަށާއި ހިދުމަތް ދޭން ތިބޭ އެހެން މީހުންނަށް އިނގިރޭސިއެއް ނޭނގެ އެވެ. ނަތީޖާއަކަށް ވާނީ، އެ މީހުންނަށް ހޮސްޕިޓަލުގައި ވެސް އަޅާލާނެ މީހަކު ނުވެ، ބިކަވުން ކަމަށް އިފްރާހު ބުންޏެވެ. އެހެންވެ، އޭނާ ބޭނުން ވަނީ އެ ސިޓީއިން ނިކުމެ، ރާއްޖެއަށް އަންނާށެވެ.

"ޔުނިވަސިޓީގައި އުޅޭ ޗައިނާގެ ރައްޓެހި ކުދިންވެސް މިކަން ފެށުމުގެ ކުރިން ހޮލިޑޭއަށް ގޮސް ސިޓީއިން ބޭރުގައި ތިބީ. ދެން މިތާނެއް ދަންނަ މީހެއް ވެސް. މި މީހުންނަކަށް އިނގިރޭސިއެއް ނޭނގޭނެ. ދެން ވިސާނާލާ އަހަރުމެންނަށް މިކަން ދިމާވެއްޖެ ނަމަ ވާނެ ވަރު. ކިހާ ނިކަމެތި ވާނެ،" ކަންބޮޑުވެ ހާސްވެފައި ހުރި އިފްރާހު ބުންޏެވެ. "އަދިވެސް ދަނީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރަށް ގިނަވަމުން. އިންކްރީސް ވަނީ އިންކްރީސް ވަނީ އަޅުގަނޑަކަށް ނުފެނޭ މީތި ކޮންޓްރޯލްވާތަނެއް،"

ވުހާންގައި ކާބޯތަކެތި ހޯދުމަށް ދަތިވެފައިވޭ --

ވޫހާންގައި ޖުމްލަ ނުވަ ދިވެހިން އުޅޭ ކަމަށްވެ އެވެ. އެ ވައިރަސް ފެނުނު ހަންކޯއު ސަރައްދުގައި ދެ ދިވެއްސަކު އަންނަނީ ދިރިއުޅެމުންނެވެ. އެ އެންމެން ވެސް ބޭނުންވަނީ އަމިއްލަ ސަލާމަތަށް އެނބުރި ރާއްޖެ އަންނާށެވެ.

ވައިރަސް ފެނުނު މާރުކޭޓާ ފަސް ކިލޯ މީޓަރެއްހާ ދުރުގައި ހުންނަ އެޕާޓްމަންޓެއްގައި ދިރިއުޅެމުން އަންނަ، އަައިޝަތު ރިފާ (އަސްލު ނަމެއް ނޫން) "ސަން" އަށް ބުނި ގޮތުގައި ފުރަތަމަ ދެތިން ދުވަހު އޭނާވެސް ހާސްވެ ސިކުނޑި ސުމަކަށް ދިޔަ އެވެ. އަދި، މިހާރު މަޑުމަޑުން ބިރު ފިލަމުން އައި ނަމަވެސް، އޭނާ ވެސް ބޭނުން ވަނީ އެނބުރި އާއިލާ ކައިރިއަށް އަންނާށެވެ.

މީގެ ހަތަރު އަހަރުކުރިން ވޫހާންގެ ޔުނިވާސިޓީއަކުން ޑޮކްޓަރީކަން ކިޔަވަން ފެށި އޭނާގެ ކަންބޮޑުވުމަކީ ވެސް، އެ ރޯގާ މައިތިރިވާ ކަމުގެ ނިޝާނެއް ނުފެނުމެވެ. އޭނާ ބުނި ގޮތުގައި ފުރަތަމަ ހީކުރީ ދެތިން ދުވަސް ތެރޭ އާންމު ހާލަތަކަށް ސިޓީ އަންނާނެ ކަމަށެވެ. އެކަމަކު، އެކަން ހީއަކަށް ބަދަލުވެ، އޭނާވެސް އެޕާޓްމަންޓްގައި ބަންދުވެފައި ހުންނަތާ ހަތް ދުވަސްވީ އެވެ. ރިފާ ބުނި ގޮތުގައި، މީގެ ކުރިން އެ ސިޓީއިން ފެނުނު އުފާވެރިކަން ގެއްލި، ވަނީ މުޅި ސިޓީ ހިމޭންވެފަ އެވެ. މިހާރު އުޅެން ޖެހިފައި އޮތީ "ފަޅު ރަށެއް"ކަހަލަ ނާމާން ޖައްވެއްގަ އެވެ.

"މި އެއާޓްމަންޓް ކުރިމަތީ އޮންނަ ޕާކަށް ކުރިން ކުޑަކުދިން ކުޅޭ ސަކަރާތް ޖަހާ އަޑު އިވޭނެ. އެކަމަކު މިހާރު އެތަންވެސް ވަނީ ފަޅުވެފައި. މި ބިރާ އެކު އެއްވެސް މީހަކު މަގުމައްޗަށް ނުނިކުމޭ،" އެހެން ދިވެހި ދަރިވަރަކާއެކު ދިރިއުޅޭ ރިފާ ބުންޏެވެ.

ވުހާންގެ މަގުތައް މަތިން ފެންނަނީ ފަޅުކަން --

ވުހާން އިން މި ވައިރަސް ފެނިފައިވަނީ، އެގައުމުގައި ކުލަ ގަދަކޮށް ފާހަގަ ކުރާ ޗައިނީޒް ނިއު އިޔާއާ ދިމާކޮށެވެ. އެކަމަކު އެ ހުރިހާ ހަރަކާތެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ވޫހާން ސިޓީ ކަރަންޓީނުން ވީއްލޭނެ ދުވަހެއް ބުނަން ވެސް އަދި ނޭނގެ އެވެ. ދިވެހިންނެކޭ އެއްގޮތަށް، އެންމެން ވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ ސިޓީން ބޭރުވާށެވެ. ދިވެހި ސަރުކާރުންވެސް ބޭނުން ވަނީ އެ ދިވެހިން މާލެ ގެނައުމަށެވެ. އެކަން ހަމަޖެހެންދެން އެ ކުދިންނަށް ވަނީ މާލީ އެހީތެރިކަން ސަރުކާރުން ދީފަ އެވެ.

އެކަމަކު، އެ ކުދިން ގެނައުމަށް ޗައިނާ ސަރުކާރާ އެކު ކުރާ މަސައްކަތުން އަދި އަަލި މަގެއް ނުފެންނަ ކަމަށް ރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.

ވޫހާންގައި ތާށިވެފައި ތިބި ގައުމުތަކުގެ މީހުން އެތަނުން ނެރުމުގެ މަސައްކަތްތައް އެ ގައުމުތަކުން މިހާރު ވަނީ ފަށައިފަ އެވެ. ވޫހާންގައި ތިބި ދިވެހިންވެސް އެންމެ ހިނދުކޮޅަކަށް ވެސް އެތަނުގައި ތިބޭކަށް ބޭނުމެއް ނޫނެވެ. ހާސްކަމާއި ބިރުން ފުރިގެންވާ އެ ބަންދުން ވީއްލި އެ މީހުން ބޭނުންވަނީ ރާއްޖޭގައި ތިބި އެ މީހުންގެ އާއިލާތަކުގެ ކައިރިއަށް އަންނާށެވެ.

ކާރޫބާރު މަގުތައް މިހާރު ވަނީ މުޅިން ހުސްވެފައި --

"މިތަނުން ދިޔުން ނުވެދާނެ އެންމެ ރަނގަޅު ޑިޒިޝަންއަށް ވެސް. އެކަމަކު މިވަގުތު ދިޔުން އޮތް ގޮތަކީ. އެންމެ ސިކުންތަކު ވެސް މިތާ މަޑުކުރަން ބޭނުމެއް ނޫން،" ކުރިން ވާހަކަ ދެއްކި އިފްރާހު ބުންޏެވެ.

ކޮރޯނާ ވައިރަސް އަދިވެސް މަޑު ނުޖެހި ފެތުރެމުންދާއިރު، އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 6،060 މީހަކަށް އެ ވައިރަސް ވަނީ ޖެހިފަ އެވެ. އަދި އެ ވައިރަހުގައި 132 މީހަކު ވަނީ މަރުވެސް ވެފަ އެވެ. ސައިންޓިސްޓުން ހޭބޯނާރާ މަސައްކަތް ކުރަނީ ވައިރަސް ބަލިކޮށްލެވޭނެ ފަރުވާއެއް ހޯދޭތޯ އެވެ. އެކަމަކު އަދި އަލިމަގެއް ނުފެނެ އެވެ.