ނިއުދިއްލީން: މުޙައްމަދު ޝާން

މާދަމާ ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އަށް ކުޅެވޭނެ ކަމަށް އޭނާ ބުނެފިއެވެ.

މާދަމާގެ މެޗަށް ނިކުތުމުގެ ކުރިން އަންބާޅު ކާރު ސްޓޭޑިއަމްގައި ރާއްޖެ ކުރި ފަރިތަކުރުމުގެ ތެރެއިން ސަން އޮންލައިނުން ކުރި ސުވާލަށް ދަނގަޑޭ މިއަދު ބުނީ، އިއްޔެ ނޭޕާލާ ދެކޮޅަށް ކުޅެނިކޮށް ވާތު ފައިގެ ކަކުލަށް އަނިޔާވި ކަމަށާއި ނަމަވެސް އެ އަނިޔާއަކީ މާދަމާ މެޗްގައި ނުކުޅެވޭ ވަރުގެ އަނިޔާއެއް ނޫން ކަަމަށެވެ.

"މިހާރު ރަނގަޅު. ތަދެއްނުވެ. ލިބިފަ މިިހިރީ މާބޮޑު އަނިޔާއެއް ނޫން. މާދަމަ މެޗްގައި ކުޅެވޭނެ." ދަނގަޑޭ ބުންޏެވެ.

ދަނގަޑޭގެ ފަޔަށް ލިބިފައިވާ އަނިޔާއަކީ ކިހާވަރެއްގެ އަނިޔާއެއްތޯ ސުވާލު ކޮށްލުމުން ޤައުމީ ޓީމްގެ ޑޮކްޓަރު އަހުމަދު ސަކީބު ބުނީ، އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށެވެ. އަދި އިއްޔެ މެޗްގައި ކުޅުނު އެއްވެސް ކުޅުންތެރިއަކަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ސަކީބު ބުންޏެވެ.

ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ ބުނީ، ޓީމް އޮތީ މާދަމާގެ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރު ވެގެން ފުރަތަމަ މެޗުގައި ނެރުނު ނަތީޖާއަށް ވުރެ، ރަނގަޅު ނަތީޖާއެއް ނެރުމުގެ އުންމީދުގައި ކަމަށެވެ. އަދި މާދަމާގެ ފުރަތަމަ 11 އަށް ބަދަލެއް އައުން ވަރަށް ކައިރިކަމަށް ވެސް އުރުބާނީ ބުންޏެވެ.

ޤައުމުން ބޭރުގައި މިމެޗް ކުޅޭތީ ޓީމްގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) ވިދާޅުވީ، ދިވެހި ސަޕޯޓަރުން ނަކީ ޓީމަށް މުހިންމު ބައެއް ކަމަށާއި އެއީ ޓީމްގެ 12 ކުޅުންތެރިއާ ކަމަށެވެ. އަދި މާދަމާގެ މެޗަށް ޓީމް ނިކުންނާނީ ދިވެހިން ބޭނުންވާ ނަތީޖާ ނެރުމަށް ކަމަށް ވެސް ބަލަކް ވިދާޅުވިއެވެ.

ގްރޫޕް އޭ ގެ ދެ ވަނަ މެޗަށް މާދަމާ ރާއްޖެ ޕާކިސްތާނާ ދެކޮޅަށް ނިކުންނައިރު، އިއްޔެ ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅުން މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. އިއްޔެ ރާއްޖެ ކުޅުނު މެޗްގައި ލަނޑު ޖަހައިދިން ކުޅުންތެރިޔަކީ ކެޕްޓަން ދަނގަޑޭއެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖެ މާދަމާ ކުޅޭ މެޗް ފެށުމަށް ހަަމަޖެހިފައި ވަނީ، ރާއްޖެ ގަޑިން 5:30 އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިޔަމްގައެވެ.