ބެއިޖިން (ޖެނުއަރީ 29): ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން، ސްޓާބަކްސްއިން އެގައުމުގައި ހުންނަ އެކުންފުނީގެ 2،000 އަށްވުރެ ގިނަ ރެސްޓޯރެންޓު ބަންދުކޮށްފިއެވެ.

ސްޓާބަކްސްއިން ބުނި ގޮތުގައި އެ ރެސްޓޯރެންޓުތައް ބަންދުކުރީ މުވައްޒަފުންގެ ރައްކާތެރިކަމަށް ބަލައި، ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުންނެވެ.

ސްޓާބަކްސްއިން ޗައިނާގައި އެ ކުންފުނީގެ އައުޓްލެޓެއް ފުރަތަމަ ހުޅުވީ ޖެނުއަރީ 1999 ގައެވެ. އަދި މިހާރު އެމެރިކާއިން ބޭރުގައި ސްޓާބަކްސްގެ އެންމެ ގިނަ އައުޓްލެޓު ހުންނަނީ ޗައިނާގައެވެ. އެއީ 4،300 ރެސްޓޯރެންޓެވެ. އެހެންކަމުން ސްޓާބަކްސްއަށް ކޮންމެ އަހަރަކު ލިބޭ ރެވެނިއުގެ 10 ޕަސެންޓަކީ ޗައިނާގައި ކުރާ ވިޔަފާރިން ލިބޭ ފައިސާއެވެ.

ސްޓާބަކްސްއިން ވަނީ ޗައިނާގައި ހުންނަ އެކުންފުނީގެ އެހާ ގިނަ ބްރާންޗުތައް ބަންދުކުރުމުން އެ ކުންފުންޏަށް މާލީ ގެއްލުންތައް ލިބޭނެކަން ފާހަގަކޮށްފައެވެ.

ސްޓާބަކްސްއިން އެފަދައިން ބުނީ، ނޮވެލް ކޮރޯނާވައިރަހުގެ ސަބަބުން ލިބޭނެ މާލީ ގެއްލުންތަކާ ބެހޭ ގޮތުން ދުނިޔޭގެ ބާޒާރުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެ ވައިރަހުގެ ސަބަބުން އެންމެ ފުރަތަމަ ބަންދުކުރަން ޖެހުނީ ރެސްޓޯރެންޓު ފަދަ ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނެވެ. އެގޮތުން ކޭއެފްސީ، ޕިއްޒާހަޓް އަދި މެކްޑޮނަލްޑްސްއިންވެސް ވަނީ ޗައިނާގައި ހުންނަ އެކުންފުނިތަކުގެ ރެސްޓޯރެންޓުތައް ބަންދުކޮށްފައެވެ.

މީގެ އިތުރުން ފޭސްބުކުން ވަނީ އެކުންފުނީގެ މުވައްޒަފުން ޗައިނާއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޗައިނާގައި ކާރު އުފައްދާ ބައެއް ކުންފުނިތަކުން ވަނީ އެކުންފުނިތަކުގެ މުވައްޒަފުން ގައުމުން ބޭރަށް ގެންދަން ފަށާފައެވެ.

މިދިޔަ މަހު ޗައިނާގެ ވޫހާންއިން ފުރަތަމަ ފާހަގަކުރެވުނު އެ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ވޫހާން ވަނީ އެއްކޮށް ބަންދުކޮށްފައެވެ. އަދި އެ ސިޓީގެ ކައިރީ އޮންނަ ސަރަހައްދުތައްވެސް ކަރަންޓީނުކޮށް، ދަތުރުފަތުރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފައެވެ.

ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން މިހާތަނަށް ޗައިނާގެ 132 މީހަކު ވަނީ މަރުވެފައެވެ. އަދި އެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6،000 އާ ގާތްވެފައެވެ. އޭގެ ތެރެއިން 80އަށް ވުރެ ގިނަ މީހުން ތިބީ ޗައިނާ ނޫން އެހެން ގައުމުތަކުގައެވެ.

ޗައިނާ ސަރުކާރުން މިހާރު ވަނީ އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރަންވެސް އިލްތިމާސްކޮށްފައެވެ.