03 Dec 2011, 18:33
ނިއުދިއްލީން: މުހައްމަދު ޝާން
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފެވަރިޓް ކަމަށް ގިނަ ބަޔަކު ބުނި ގްރޫޕް އޭ ފަޅީގެ އިންޑިޔާ މިއަދު އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވެގެން ނިމިއްޖެ އެވެ.
އިންޑިޔާގެ ވެރިރަށް ދިއްލީގެ ނެހެރޫ ސްޓޭޑިޔަމްގައި މިއަދު ރާއްޖެ 2:30 ގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ އަފްގާނިސްތާނުންނެވެ. އެލަނޑު އަފްްގާނިސްތާނަށް ކާމިޔާބު ކޮށްދިނީ އެޓީމްގެ ޖޯޒީނަންބަރު 9 ބަލާލް އަރިޒޯ އެވެ.
މެޗްގެ ކުރީކޮޅު އަފްޤާނިސްތާނުން ލީޑް ނެގި ކަމުގައި ވިޔަސް، އިންޑިޔާއިން އެޓީމްގެ ކުޅުން އިތުރަށް ވަރުގަދަކޮށް މެޗްގެ ނުވަ ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ވަނީ ހަމަހަމަ ކޮށްފަ އެވެ. އެލަނޑު އިންޑިޔާއަށް ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވާޑް ސުނިލް ޗެތުރީ އެވެ.
މެޗްގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި އެންމެ އެދެވޭ ކުޅުމެއް ދައްކާފައި ވަނީ އަފްގާނިސްތާނުންނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އިންޑިޔާއަކީ އެންމެ ކާމިޔާބު ޓީމުކަމުގައި ވިޔަސް، މިއަދުގެ މެޗްގައި އެޓީމަށް ވަނީ އަފްްގާނިސްތާނުން ކުރި ޕްރެސާތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން މެޗްގެ ދެ ވަނަހާފުގައި ވެސް އަފްގާނިސްތާނުން ވަނީ އިއްޑިޔާގެ ގޯލަށް ނުރައްކާ، އެތަކެއް ސޫޓްތައް ކޮށްފަ އެވެ.
މިއަދު މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އިންޑިޔާ ޓީމްގެ ސުނިލް ޗެތުރީ އެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އިންޑިޔާގެ ކޯޗް ސަވިއޯ މެޑީރާ ބުނީ، ޓީމްގެ ކުޅުމާ މެދު ހިތް ހަމަ ޖެހޭ ކަމާށާއި އެކަމަކު މިއީ އިންޑިޔާގެ އަސްލު ނަތީޖާއެއް ނޫން ކަމަށެވެ. އަދި ފުރަތަމަ ހާފަށް ވުރެ ދެވަނަ ހާފުގައި މެޗްގެ ލީޑް ނަގާނެ ގިނަ ފުރުސަތު އިންޑިޔާ ޓީމަށް ލިބުނު ކަމަށް ވެސް ސަވިއޯ ބުންޏެވެ.
"މެޗްގެ ދެ ވަނަ ހާފުގައި ގިނަ ފުރުސަތުތަކެއް ލިބުނު. ފޯވާޑް ސުނިލް ޗެތުރީ އަދި މުޅިއަކުން ފިޓެއް ނޫން. އޭނާ ގޯލެއް ކާމިޔާބު ކޮށްދިން ނަމަވެސް، އޭނާ ހުރީ ފިޓްކޮށެއް ނޫން" ސަވިއޯ ބުންޏެވެ.
އަފްގާނިސްތާންގެ ކޯޗް ބުނީ، އިންޑިޔާ ކަހަލަ މޮޅު ޓީމެއްގެ އަތުން ބަލިނުވުމުން ހިތް ހަމަޖެހޭ ކަމަށާއި ޓީމް ނެރުނު ނަތީޖާއާ މެދު ވެސް ހިތް ހަމަޖެހޭ ކަމަށެވެ. އަދި ވޭތިވެދިޔަ ހަތަރު އަހަރަށް ވުރެ އަފްގާނިސްތާންގެ ކުޅުން މިހާރު ރަނގަޅުކޮށްފި ކަމަށް ވެސް ކޯޗް ސަވިއޯ ބުންޏެވެ.
މުބާރަތުގެ ތަށި ފަސް ފަހަރު ހިތްލާލައިފައިވާ އިންޑިޔާ މިމުބާރާތުގައި ކުޅޭ ދެ ވަނަ މެޗްގައި ދެން ބައްދަލުކުރާނީ ބޫޓާނާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު (ރާއްޖެ ގަޑިން) 5:30 ގަ އެވެ. އަދި މުބާރާތުގައި އެ ދުވަހުގެ މެންދުރު (ރާއްޖެ ގަޑިން) 2:30 ބައްދަލުކުރާ ދެޓީމަކީ އަފްގާނިސްތާނާ ސްރީލަންކާ އެވެ.