14:30


ޑޭޝް8 މަރުކާގެ މަތިންދާބޯޓްފަހަރު އޮޕަރޭޓްކުރާ އޭޝިއާގެ އެއް ވަނަ އެއާލައިނަކަށް އައިލެންޑް އޭވިއޭޝަން ހޮވައިފި އެވެ.


އައިލެންޑް އޭވިއޭޝަނުން ދުއްވާ ޑޭޝް8 މަރުކާގެ މަތިންދާބޯޓް އޮޕަރޭޓަރުންގެ މެދުގައި ކެނެޑާގެ ޓްރޮންޓޯގައި މި މަހު ބޭއްވި ރަސްމިއްޔާތުގައި ބޮމްބާޑިއާއިން ދޭ "އެއާލައިން ރިލައިބިލިޓީ ޕާފޯމަންސް އެވޯޑް" އައިލެންޑް އޭވިއޭޝަނަށް ލިބިފައި ވަނީ 100 އަށްވުރެ ގިނަ އެއާލައިން އޮޕަރޭޓަރުންނާ ވާދަކޮށް އޭޝިއާ ސަރަހައްދުން އެއް ވަނަ ހޯދައިގެން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.


އައިލެންޑް އޭވިއޭޝަންގެ މޭނޭޖިން ޑައިރެކްޓަރ ބަންދު އިބްރާހިމް ސަލީމް މިއަދު ވިދާޅުވީ މި އެވޯޑް އެ ކުންފުންޏަށް ލިބުމުގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ އިތުރުން އެ ކުންފުނީގެ ހިދުމަތް ހޯދަމުން އަންނަ ފަސެންޖަރުން ހިމެނޭ ކަމަށެވެ. އަދި މިއެވޯޑް ރަމްޒުކޮށްދެނީ އެ ކުންފުންޏަށް ލިބެމުން އަންނަ ކުރިއެރުން ކަމަށާއި މޯލްޑިވިއަންގެ ފްލައިޓްތައް ގަޑިއަށް ފުރުވާލުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ވެސް ބަންދު ވިދާޅުވި އެވެ.


ބަންދު އިތުރަށް ވިދާޅުވީ 2009 ވަނަ އަހަރުގެ ނިޔަލަށް 12،000 ފްލައިޓް އެކުންފުނިން އޮޕަރޭޓްކޮށްފައިވާއިރު، އޭގެ ތެރެއިން 99 ޕަސެންޓް ފްލައިޓް ގަޑިއަށް ފުރުވާލެވިފައިވާ ކަމަށެވެ.