03 Dec 2011, 17:26
ކްރިމިނަލް ކޯޓުން ޑްރާފްޓްކޮށް އެކުލަވާލާފައިވާ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ޤަވާއިދު އެކުލަވައިލުމަށް ފުލުހުންނާއި ގާނޫނީ ވަކީލުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ކްރިމިނަލް ކޯޓުގައި މިއަދު ބާއްވައިފި އެވެ.
އެ ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު 10:30 އިން ފެށިގެން 2:30 އަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ ބައްދަލުވުމަށް 15 ގާނޫނީ ވަކީލަކަށް ދައުވަތު ދީފައިވީ ނަމަވެސް ބައިވެރިވެވަޑައިގެންފައި ވަނީ ހަތަރު ވަކީލަކު ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ހަތަރު ވަކީލުންގެ އިތުރުން ފުލުހުންގެ ފަރާތުން ދެ ބޭފުޅަކާއި ޕީޖީ އޮފީހުގެ ފަރާތުން ބޭފުޅަކު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ފުލުހުން ހައްޔަރުކުރާ މީހަކު 24 ގަޑިއިރު ހަމަވުމުގެ ކުރިން ކޯޓަށް ހާޒިރުކުރާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބައިވެރިން ވަނީ ޚިޔާލު ދެއްވާފަ އެވެ. އަދި 24 ގަޑިއިރު ހަމަވުމަށް ފަހު ބަންދުކުރާ މީހުންގެ މުއްދަތު އިތުރުކުރުމުގައި ބަލަން ޖެހޭ ކަންތައްތަކާއި އަމަލުކުރަން ޖެހޭ އުސޫލުތަކުގެ މައްޗަށް ވެސް ބައިވެރިންގެ މެދުގައި ވަނީ ޚިޔާލު ބަދަލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ކްރިމިނަލް ކޯޓުން ޑްރާފްޓްކޮށް އެކުލަވާލާފައިވާ އެ ގަވާއިދަށް ފުލުހުން ގެންނަން ބޭނުންވާ އިސްލާހުތައް މިއަދު ހުށަހެޅި ކަމަށެވެ.
"މިހާރު ފުލުހުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ އެއްކަމަކީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމާ މީހުން ހައިކޯޓުން އިސްތިއުނާފް ކުރަން ބޭނުންވާ ހާލަތުގައި އެ މުއްދަތުގެ ތެރޭގައި އެމީހުން ދޫކޮށްލަން ޖެހޭ ގޮތަށް އޮންނަ އޮތުން. އެ އުސޫލު ބަދަލުކުރުމަށް އަޅުގަނޑުމެން އިސްލާހު ހުށަހެޅިން،" ރިޔާޒްވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދަށް ކަނޑައެޅިފައިވާ ވަގުތު ހަމަވި އިރު ގަވާއިދުގެ ހުރިހާ މާއްދާއަކަށް ޚިޔާލު ބަދަލުކުރެވިފައި ނުވާތީ އަންނަ ހޮނިހިރު ދުވަހު ވެސް ބާކީ ހުރި މާއްދާތަކަށް ޚިޔާލު ހޯދުން އޮންނާނެ ކަމަށެވެ.