28 Jan 2020, 15:55
ބެއިޖިން (ޖެނުއަރީ 28): ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން، އެގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސް ކުރަން ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
ޗައިނާގެ ނެޝަނަލް އިމިގްރޭޝަން އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި އެގައުމުން އެފަދައިން އަމަލު ކުރަން އެދެނީ ޗައިނާ އާއި އެހެން ގައުމުތަކުގެ ރައްޔިތުންގެ ސިއްހަތާއި ފުރާނައިގެ ރައްކާތެރިކަމަށްޓަކަ އެވެ. އަދި ވައިރަހުގެ ސަބަބުން ޗައިނާގެ ރައްޔިތުންނަށް ބައެއް ގައުމުތަކަށް ވަދެވޭނެ ގަވާއިދުތައް ހަރުކަށިކުރުމުންނެވެ.
މީގެ އިތުރުން އެ އިދާރާއިން ވަނީ ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފާހަގަ ކުރެވޭ މީހުން ވަގުތުން ދަތުރު ކުރުން ހުއްޓާލުމަށް ފަހު ސިއްހީ ފަރުވާ ހޯދުމަށް އަންގާފަ އެވެ.
ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާންގައި ފުރަތަމަ ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަސް މިހާރު ވަނީ 4،591 މީހެއްގެ ހަށިގަނޑުން ފެނިފަ އެވެ. އޭގެ ތެރެއިން 70 ވަރަކަށް މީހުންނަކީ ޗައިނާ ނޫން އެހެން ގައުމުތަކުގައި ތިބި މީހުންނެވެ.
އެހެންކަމުން ބައެއް ގައުމުތަކުން ވަނީ ޗައިނާއަށް، ހާއްސަކޮށް ވައިރަސް ފެތުރިފައިވާ ސަރަހައްދުތަކަށް އެގައުމުގެ ރައްޔިތުން ދަތުރުކުރުމާ ދެކޮޅަށް އިލްތިމާސްކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ކެނެޑާ ހިމެނެ އެވެ. އަދި ލަންކާ އާއި ފިލިޕީންސް އިން ޗައިނާގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވާ އިރު މެލޭޝިއާއިން ވަނީ ވޫހާން އާއި ވައިރަސް ފެތުރިފައިވާ އެހެން ބައެއް ސަރަހައްދުތަކުގެ ޗައިނާ މީހުންނަށް ވިސާ ނުދޭން ނިންމާފަ އެވެ.
ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން މިހާތަނަށް 106 މީހަކު ވަނީ މަރުވެފަ އެވެ. އެ އެންމެންވެސް މަރުވީ ޗައިނާގަ އެވެ.
ޗައިނާގެ އިތުރުން ކޮރޯނާވައިރަސް މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ލަންކާ، ތައިލޭންޑް، އެމެރިކާ، އޮސްޓްރޭލިއާ، ސިންގަޕޫރު، ޓައިވާން، މެލޭޝިއާ، ދެކުނު ކޮރެއާ، ޖަޕާން، ފްރާންސް، ވިއެޓްނާމް، ނޭޕާލް، ކެނެޑާ، ކެމްބޯޑިއާ އަދި ޖަރުމަނު ހިމެނެ އެވެ.