28 Jan 2020, 14:48
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސް ކަމަށް، ވިދާޅުވެ އެމަނިކުފާނު ހައިކޯޓުގައި އެކަމުގެ ޝަކުވާ އުފުއްލަވައިފި އެވެ.
ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ފުރަތަމަ އިސްތިއުނާފު އަޑުއެހުން މިއަދު މެންދުރު ހައިކޯޓުގައި ބޭއްވިއިރު، އެ އަޑުއެހުމުގައި ވާހަކަ ދެކެވުނީ، ރައީސް ޔާމީންގެ ފަރާތުން އެދިފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރާއި، އެމަނިކުފާނު ކަފަލާތުގެ ދަށުން ދޫކުރުމާ ބެހޭގޮތުންނެވެ.
ކަފާލާތުގެ ދަށުން ދޫކުރަން އެދޭ ސަބަބެއް ކަމަށް މިއަދު ރައީސް ޔާމީން ދެއްކެވި އެންމެ ބޮޑު ސަބަބަކީ، އެމަނިކުފާނު ޖަލުގައި އޮންނަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރަމުންދާތީ އެވެ.
އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ހިތުގެ މައްސަލައެއް ނުވަތަ "އެނޮމަލީއެއް" ފެނިފައިވާ ކަމަށް ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޑޮކްޓަރަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ދެނެގަންނަން ރާއްޖެއިން އިތުރަށް ހެދޭނެ ޓެސްޓުތައް ނެތްކަމަށް ޑޮކްޓަރާ ހަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވި އެވެ. ދެން އިތުރު ޓެސްޓުތައް ހެދޭނީ ރާއްޖެއިން ބޭރުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެމަނިކުފާނަށް މައިބަދައިގެ ޑިސްކުގެ މައްސަލައެއް ޖެހިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ހަދަން ޖެހޭ ސާޖަރީއެއް ހަދަން ރާއްޖެއިން ބޭރަށް ވަޑައިގަންނަަވަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ ކުރިން މިނިވަންކޮށް ހުންނެވި އިރު ސާޖަރީއަށް ވަޑައިނުގެންނެވީ އޭރު ކްރިިމިނަލް ކޯޓުގައި އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ދިޔުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ޝަރީއަތް ކުރިއަށް ދަނިކޮށް، ރާއްޖެއިން ބޭރަށް ވަޑައިގެންފި ނަމަ ފިއްލެވީ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވިދާނެތީ ވަޑައިނުގަތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޝަރީއަތް ކުރިއަށް ދިޔަ އިރު ޓެސްޓުތައް ހެދުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު ބަރާބަރަށް ޓެސްޓް ނެހެދޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ކަފާލާތުގެ ދަށުން ދޫކޮށްލައިފި ނަމަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ގަސްތު ކުރައްވަންތޯ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ މުހައްމަދު ނިޔާޒު ސުވާލު ކުރެއްވުުމުން ރައީސް ޔާމީން ވިދާޅުވީ، ހައިކޯޓުގެ ހުއްދައެއް ނުލައި ވަޑައިނުގަނެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ނުފިއްލަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ކުރި ހުކުމުގައިވާ ގޮތުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމާނާއެއް އެމަނިކުފާނު ދައުލަތަށް ދައްކަން ޖެހެ އެވެ. އެމަނިކުފާނު މިއަދު ވިދާޅުވީ، ޖަލުގައި ހުންނަވައިގެން އެ ޖޫރިމާނާ އަދާ ކުރަން މަސައްކަތްވެސް ނުކުރެވޭނެ ކަމަށެވެ.
އެމަނިކުފާނު ކުރިންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރީ މަޖިލިސް އިންތިހާބާ ދިމާކޮށް ކަމަށް ވިދާޅުވި އެވެ. މިހާރު ހުރިހާ ސިޔާސީ ލީޑަރުން ކައުންސިލު އިންތިހާބަށް ކެމްޕޭނު ކުރަމުންދާއިރު އަނެއްކާވެސް އެމަނިކުފާނު ޖަލުގައި ހުރުމުން ކެމްޕޭނަށް ހުރަސްއެޅިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ މިފަހުން ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ އަނަރޫވެފައި ކަމަށެވެ. އަދި އޭނާއާ ދިމާވި އިރު ތުނބުޅިފުޅު ހުރީ ނުކޮށައި ކަމަށެވެ. އޭނާ ރައީސް ޔާމީން ސިފަ ކުރެއްވީ "ޖަލު މީހެއް"ގެ ގޮތުގަ އެވެ.
މިއަދު ހުދުކުލައިގެ ގަމީހެއް ތުރުކުރައްވައިގެން ރައީސް ޔާމީން ކޯޓަށް ވަޑައިގެންނެވި އިރު ހުރީ ތުނބުޅިފުޅު ބާލައިފަ އެވެ. ކުރިއާ އަޅާ ބަލާއިރު ފެންނަނީ ވަރަށް ކުޑަކޮށް ހިކިފައި ހުރިތަނެވެ.
މިއަދު ހައިކޯޓުގައި ރައީސް ޔާމީނުގެ ފަރާތުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ ހުކުމްް ތަންފީޒު ކުރުމުގެ އަމުރެއް ނެރުމާއި، ކަފާލާތާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެކަމާ ބެހޭގޮތުން ގޮތް ނިންމާނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ.