މި އަހަރުގެ ބަޖެޓްގައި ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުން ކަނޑައަޅާފައިވޭތޯ ބެލުމުގެ މަސައްކަތް ޑީއާރްޕީ އިން ފަށައިފި އެވެ.

ޑީއާރުޕީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ބަޖެޓް ދިރާސާކުރުމުގައި އެ ޕާޓީގެ ފަރާތުން މަސައްކަތްކުރަށްވާ ޕާލިމެންޓް ގުރޫޕްގެ މެންބަރުންނަށް ބޭނުންވާ މައުލުމާތު އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ހޯދުމުގެ މަސައްކަތް ޑީއާރްޕީގެ ސެކްރެޓޭރިއަޓުން ކުރިއަށް ގެންދާ ކަމަށެވެ.

".... އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ގުޅައިގެން މިމައުލޫމާތު އެއްކުރުމުގެ ބޭނުމަކީ ސަރުކާރުން ބަޖެޓް އެކުލަވާލި އިރު ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށާއި ރަށުގެ ތަރައްގީގެ މަސައްކަތް ކުރުމަށްޓަކައި، ކައުންސިލްތަކުން ސަރުކާރަށް ހުށައަޅާފައިވާ ކަންކަން ހިމަނާފައިވާ މިންވަރު ޖުމުލްގަ ގޮތެއްގައި ބަޖެޓް އެކުލަވާލި އިރު ކައުންސިލްތަކުގެ ވިސްނުން ހިމަނާފައިވާވަރު ބެލުމަށެވެ،" ބަޔާނުގައިވެ އެވެ.

ޑީއާރުޕީން ބުނެފައި ވަނީ އެ ޕާޓީގެ އަމާޒަކީ ރައްޔިތުންގެ މަޖިލިހުގެ ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމުގެ ކުރިން ރަށްރަށުގެ ކައުންސިލްތަކާ ގުޅައިގެން މައުލޫމާތުތައް ސާފްކޮށް ނިންމުމެވެ.
އަދި މިއަހަރުގެ ބަޖެޓްގައި ކައުންސިލްތަކަށް ދިނުމަށް ކަނަޑައަޅަފައިވާ ފައިސާގެ ބޮޑުބައެއް ސަރުކާރުން ބައެއް ކައުންސިލްތަކަށް ދީފައި ނުވާކަމަށް ވެސް ޑީއާރްޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.