އަލުތްވާއި ފިޔާ އަދި ބިހަކީ އާއްމުކޮށް އިންޑިޔާ އިން ރާއްޖެ އަށް އެތެރެކުރާ ބާވަތްތަކެވެ. އެ ބާވަތްތައް އިންޑިޔާ އިން ރާއްޖެ ގެންނަނީ ޓްޓިކޮރިން އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ނިސްބަތުން ކުދި ލަކުޑިބޯޓް ފަހަރު ( ވިޔަފާރިވެރިންގެ ބަހުން ނަމަ) ކައްޕަޅިތަކުގަ އެވެ.

މިދިޔަ ހަފުތާގައި ދެކުނު އޭޝިޔާ ސަރަހައްދަށް ކުރި ގަދަ ވިއްސާރައިގައި އޭގެ ތެރެއިން ކައްޕަޅިއެއް ވަނީ ރާއްޖެ އަށް ގެންނަން ބަރުކޮށްފައިވާ ގިނަ އަދަދެއްގެ ފިޔައާއި އަލުވި އަދި ބިހާ އެކު އަޑިއަށް ގޮސްފަ އެވެ.

ކައްޕަޅި އަޑިއަށް ދިޔަތާ ހަފުތާއެއްވީ އިރު ދިވެހިންގެ ކެއުމުގައި މުހިއްމު އެއް ބާވަތް ކަމަށްވާ ބިހެއް ވަކިން ވިއްކާ އަގު މިހާރު ހުރީ ފަސް ރުފިޔާއާ ހަ ރުފިޔާއާ ދެމެދުގަ އެވެ. ކުދި ވިޔަފާރިވެރިން ބުނާ ގޮތުގައި އެ އަގަށް ވިއްކަން ވެސް މިހާރު ފިހާރައިގެ ހަރުގަނޑުތަކުގައި ބަހައްޓާނެ ބިސްކޮޅެއް އެމީހުންނަށް ވަނީ ލިބުން ދަތިވެފަ އެވެ.

"ބިސްކޭހެއް ލިބޭ ކަމަށް ވަނީ 900.ރ އަށް، އޭރުން އަހަރެމެންނަށް ބިހެއް ވިއްކޭނީ ފަސް ރުފިޔާ އަށް ނުވަތަ ހަރުފިޔާ އަށް. އެ އަގުގައި ވެސް މިއަދު މިއުޅެނީ ބިސް ނުލިބިގެން، " ކަންމަތީ ފިހާރައެއްގެ ވެރިޔަކު ބުންޏެވެ.
ސޭޓު ބުނީ ނުލިބެނީ ހަމައެކަނި ބިސް ނޫން ކަމަށާއި އަލުތްވާއި ފިޔާވެސް ނުލިބޭ ކަމަށެވެ. އެހެންވެ އެ ދެ ބާވަތުގެ އަގު ވެސް މިހާރު އުފުލި، ފިޔާކިލޯއެއް މިއަދު ވިއްކާ އަގަކީ 28.ރ އަށް ކަމަށެވެ. އަދި ބުނީ މިއަދު އަލުވި ނުވެސް ލިބިގެން އުޅޭ ކަމަށެވެ.

އެހެން ފިހާރައެއްގެ ސޭޓަކު ބުނީ އަލުވިވެސް ފިޔާ ވެސް މިއަދު ނުލިބިގެން އުޅޭ ކަމަށެވެ.

"ގަނޑުކޮށް ވިއްކާ މީހުން ބުނީ އަލުވި ފިޔާ ބިސް ލިބެން އަދި ދެ ތިން ދުވަސްވަރު ނަގާނެ ކަމަށް،" ސޭޓް ބުންޏެވެ.

ކައްޕަޅި އަޑިއަށް ދިއުމުން އަގުބޮޑުވީ ހަމައެކަނި އަލުވި ފިޔާ ބިހެއް ނޫނެވެ. ތަރުކާރީ އާއި މޭވާގެ އެތައް ބާވަތެއްގެ އަގު ވަނީ އުފުލިފަ އެވެ. އެގޮތުން ކުރިން 25.ރ އަށް ވިއްކަމުން ދިޔަ ކެރެޓް ކިލޯއެއްގެ އަގު ވެސް މިހާރު އުޅެނީ 30.ރ އަށް ވުރެ މަތީގަ އެވެ.

މޭވާގެ ބާވަތްތަކުގެ ތެރެއިން ދިވެހިންގެ ގިނަ ބަޔަކު އެންމެ ގިނައިން ބޭނުންކުރާ އާފަލުގެ އަގު ކުރިން 4.50.ރ އާއި 5.ރ އާ ދެމެދު ހުރެފައި މިހާރު ވަނީ 7.ރ އަށް ބޮޑުވެފަ އެވެ.

ދުވަހުގެ ވިޔަފާރި ކޮށްލުމަށް ފިހާރަތަކަށް ގޮސް ތިބި ބައެއް މީހުން ބުނީ އަގު ބޮޑު ވުމަށް ވުރެ ވެސް އެމީހުން ކަންބޮޑުވާ ކަމަކީ ގިނަ ތަންތަނުން އެބާވަތްތައް ލިބެން ނެތުމެވެ.

"އަލުވި ފިޔާ ބިސް ފަދަ ބާވަތްތަކަކީ ކިތަންމެ ބޮޑު އަގެއްގައި ވެސް އަހަރެމެން ގަންނަން ބޭނުންވާ ބާވަތްތައް، ދެރައީ ބޮޑު އަގުގައި ވެސް ގިނަ ތަންތަނުން ލިބެން ނެތީމަ." ވިޔަފާރި ކުރަން ގޮސް ހުރި މީހަކު ބުންޏެވެ.
ރާއްޖޭގައި ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި އުފުލެމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.