ބެއިޖިން (ޖެނުއަރީ 28): މިދިޔަ މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި އާ ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު 106އަށް އަރައިފި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުންވެސް މިހާރު ފެނިފައިވާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 4،515އަށް އަރާފަ އެވެ. ނޮވެލް ކޮރޯނާވައިރަސްގެ ނަން ދީފައިވާ އެވައިރަހުގެ ސަބަބުން މަރުވާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނާއި ނޭވާލާ ނިޒާމުގެ އެހެން ބަލިތައް ހުންނަ މީހުން ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެ އެވެ.

ޗައިނާގައި އެ ވައިރަސް ހަލުވި ކަމާއެކު ފެތުރެން ފެށީ އެގައުމުގެ އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ދަތުރު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ވައިރަސް ޖެހިފައިވާ މީހުން އިތުރުވުމުގެ ސަބަބުން ޗައިނާއިން ވަނީ ފުރަތަމަ ވައިރަސް ފާހަގަ ކުރެވުނު ވޫހާން ސިޓީ އެއްކޮށް ބަންދުކޮށްފަ އެވެ. އަދި އެހެން ބައެއް ސިޓީތަކުގެ ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމް ހުއްޓާލާފަ އެވެ.

މީގެ އިތުރުން ޗައިނާއިން ވަނީ އެގައުމުގައި އާ އަހަރުގެ ޗުއްޓީ އަންނަ އާދިއްތަ ދުވަހާ ޖެހެންދެން އިތުރުކޮށްފަ އެވެ. އަދި އެގައުމުގެ ސްކޫލުތަކާއި ޔުނިވާސިޓީތައް ފެއްޓޭ ތާރީހު ފަސްކުރަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފަ އެވެ.

ޗައިނާގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ތައިލޭންޑް، އެމެރިކާ، އޮސްޓްރޭލިއާ، ސިންގަޕޫރު، ޓައިވާން، މެލޭޝިއާ، ދެކުނު ކޮރެއާ، ޖަޕާން، ފްރާންސް، ވިއެޓްނާމް، ނޭޕާލް، ކެނެޑާ، ކެމްބޯޑިއާ، ޖަރުމަނު އަދި ލަންކާ ހިމެނެ އެވެ.