މައްޗަންގޮޅީ ހަތަރު ގެއަކަށް ބަޔަކު ކަނޑިތަކަކުން ހަމަލަދީ އެގެތަކުގެ ދޮރުތަކަކަށް ގެއްލުންދިން ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިހަމަލާ ދީފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މައްޗަން ގޮޅީ ދެވިނަ މަގުގައި ހުންނަ ހަތަރު ގެއަކަށް ކަމަށާއި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އެގެތަކުގެ ދޮރުތަކަށް ގެއްލުންދީ ހަލާކުކޮށްލުމަށް ފަހު، މާފަންނު ސަހަރާ ކައިރިން ހިނގާފައި ދަނިކޮށް ކަމަށެވެ.

އެމީހުން އެގެތަކަށް ގެއްލުންދިނީ ކޮން އެއްޗެއް ބޭނުންކޮށްގެން ކަމެއް އަދި އެމީހުން ހައްޔަރުކުރި އިރު ވެސް އެމީހުންގެ އަތުން އެއްވެސް އެއްޗެއް ފެނިފައިވާ ކަމެއް ޝީޔާމް ވިދާޅެއް ނުވެ އެވެ. އަދި އެ ހާދިސާގައި އެއިން އެއްވެސް ގެއެއްގެ މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެގެތަކަށް ހަމަލާދީ ގޭގެ ދޮރުތަކުގެ ބިއްލޫރިތަކާއި އެއްޗެހި ތަޅާލާފައި ވަނީ ކަނޑިއެއް ބޭނުންކޮށްގެންނެވެ.

އެގެތަކުގެ ތެރެއިން ގެއެއްގެ މީހަކު މިއަދު ބުނި ގޮތުގައި ހެނދުނު ނިދާފައި އޮއްވާ ހޭލެވުނީ ވަރަށް ބާރަށް އެއްޗަކުން ދޮރުގައި ތަޅާއަޑަށެވެ. ނަމަވެސް އެއަޑަށް ނިކުންނަން ނުކެރުނީ ބިރުން ކަމަށް އޭނާ ބުންޏެވެ.

މިއަދު ހައްޔަރު ކުރީ ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ ބައެއްތޯ ދެންނެވުމުން ވިދާޅުވީ އެކަން ޖެހޭނީ ބަލަން ކަމަށެވެ.