28 Jan 2020, 00:15
ދިވެހި ރައްޔިތުންނާއި ކުންފުނީގެ ބައިވެރިންގެ އެހީއާއެކު އުރީދޫއަކީ އަބަދުވެސް އެ ވަގުތެއްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށް އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު/ސީއީއޯ ނަޖީބު ހާން ވިދާޅުވެއްޖެ އެވެ.
އުރީދޫއިން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކާއި މައުލޫމާތުތައް ހިއްސާކުރަން ހޮޓެލް ޖެންގައި ބޭއްވި 'މަރުހަބާ 2020' ހަފްލާގައި ނަޖީބް ހާން ވިދާޅުވީ ރާއްޖެ ފަދަ ބައިބަޔަށް ބިން ބެހިފައި އޮންނަ ގައުމެއްގައި ރައްޔިތުން ގުޅުވައިދިނުމުގައި ޓެކްނޮލޮޖީއަކީ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.
އެ ސަބަބާހުރެ 2005 ވަނަ އަހަރު ރާއްޖޭއަށް އުރީދޫ އައި ފަހުން މިވީ 15 އަހަރުގެ ތެރޭގައި ދިވެހިންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދިނުމަށްޓަކައި ކޮންމެހެން ވެސް ބޭނުންތެރި ޓެކްނޮލޮޖީތައް، ހެޔޮ އަގުތަކުގައި އުރީދޫއިން ފޯރުކޮށްދީފައިވާނެ ކަމަށް ނަޖީބު ހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފޯރުކޮށްދިނިން 2ޖީ، 3ޖީ، 4ޖީ އަދި 5ޖީ ވެސް. ކުރިއަށް އޮތް ތަނުގައި އަންނަން އޮތީ އަދި ކިތައް ޖީ ކަމެއް ނޭނގޭ. އެހެން ނަމަވެސް ދުނިޔެއަށް ތައާރަފުވާ ކޮންމެ ޓެކްނޮލޮޖީއެއް ވެސް ރާއްޖެއަށް ގެންނަން އުރީދޫއިން އޮތީ ތައްޔާރަށް." ނަޖީބް ހާން ވިދާޅުވި އެވެ.
ނަޖީބް ހާން ވިދާޅުވީ އުރީދޫއިން ފޯރުކޮށްދިން ގިނަގުނަ ހިދުމަތްތަކާއި ތައާރަފުކުރި ޒަމާނީ ގިނަ ޓެކްނޮލޮޖީތަކުގެ އެހީއާއެކު އިޖުތިމާއީ އަދި އިގްތިސާދީ އާ ފުރުސަތުތަކަކާއި އާ ވިޔަފާރިތަކެއް ވެސް ރާއްޖޭގައި އުފަންވެފައިވާ ކަމަށެވެ.
"އުރީދޫއިން ދިވެހި ކޮމިއުނިޓީ ގުޅުވާލަން މި އަޅައިދިނީ 'ހައިވޭ'އެއް. މި ހައިވޭއާއެކު ވިޔަފާރީގެ އާ ފުރުސަތުތަކެއް ވަނީ ހުޅުވިގެން ގޮސްފައި. އޭގެ ތެރޭގައި ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތަކާއި ޑިޖިޓަލް އީކޮމާސް ފަދަ ހިދުމަތްތައް ހިމެނޭ." ނަޖީބު ހާން ވިދާޅުވި އެވެ.
ޒަމާނާއެކު ޓެކްނޮލޮޖީ ވެސް ކުރިއަރައި، ބަދަލުވަމުން އަންނަކަން ފާހަގަކުރައްވައި އަދި އެ ބަދަލުތަކާ ފައިހަމަ ކުރުމަށްޓަކައި އުރީދޫއިން ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ނަޖީބު ހާން ދެއްވި އެވެ.