03 Dec 2011, 13:58
އައްޑޫ ސިޓީގެ މީދޫގައި މަސައްކަތްކުރަމުން އަންނަ އިންޑިޔާގެ ޑޮކްޓަރަކު ސަދަން ހެލްތު ކޯޕަރޭޝަން ސާވިސް އަށް ނާންގައި ސިއްރުން ފިލައިގެން ރާއްޖެ އިން ބޭރަށް ފުރަން އުޅެނިކޮށް ފުލުހުން އެ ޑޮކްޓަރު ހިފަހައްޓައިފި އެވެ.
ސަދަން ހެލްތު ސާވިސް ކޯޕަރޭޝަންގެ ޑިރެކްޓަރު އިބްރާހިމް ސޮބްރީ މިއަދު ވިދާޅުވީ އިންޑިއާގެ އެ ޑޮކްޓަރަކީ އެ ކޯޕަރޭޝަނުން ރާއްޖެ ގެނެސް، މީދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެއް ކަމަށާއި އެނާ ހިފެހެއްޓީ ފުރަންގޮސް މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓައި ކަމަށެވެ.
ސޮބްރީ ވިދާޅުވި މީދޫގައި މަސައްކަތް ކުރާތާ ދެ މަހެއްހާ ދުވަސްވެފައިވާ ޑޮކްޓަރު އެ ކޯޕަރޭޝަނަށް ނާންގައި ރާއްޖެ އިން ބޭރަށް ފުރައިގެން ދާން އުޅޭކަން އެނގުނީ ޚަބަރެއް ނުވެގެން ހޯދަނިކޮށް ކަމަށާއި އެހިސާބުން ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ހިފެހެއްޓާފައިވާ ކަމަށެވެ.
"އެމީހާ މާލެ ދިޔައީ އެސްބީއައިގައި އޭނާގެ އެކައުންޓެއް ހުޅުވަންވެގެން ޕާސްޕޯޓް ހިފައިގެން. އަދި ހަބަރެއް ނުވެގެން ގުޅައިގެން ވެސް ފޯނު ނުނަގާ ހުރެފައި، އިއްޔެރޭ ގުޅި އިރު ބުނީ ފުރަންވެގެން މާލޭ އެއާޕޯޓްގައޭ މިހުރީ،" ސޮބްރީ ވިދާޅުވި އެވެ.
ސޮބްރީ ވިދާޅުވީ ދެ ފަރާތުން އެއްބަސްވެފައިވާ އެގްރީމަންޓްގެ ދަށުން ޑޮކްޓަރަކު ފުރާނަމަ އެ މީހަކު ޑިޕޮޒިޓެއް ބަހައްޓަން ޖެހޭނެ ކަމަށާއި ނަމަވެސް އިންޑިއާގެ ޑޮކްޓަރު ފުރަން އުޅުނީ އެފަދަ އެއްވެސް ކަމެއް ފުރިހަމަ ނުކޮށް ކަމަށެވެ. އޭނާ ހިފައްހައްޓަން ޖެހުނީ އެހެންވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިލައިގެން ފުރަން ގޮސް ހުރި ޑޮކްޓަރު އަދި ހުރީ ރާއްޖޭގައި ކަމަށާއި އޭނާ އަށް ފުރޭނީ އެ ކޯޕަރޭޝަންގައި އޮންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.