27 Jan 2020, 16:26
ރާމަﷲ (26 ޖަނަވަރީ 2020) ޑީލް އޮފް ދަ ސެންޗަރީގެ ނަމުގައި އެމެރިކާ އެކުލަވާލާފައިވާ މެދުއިރުމަތީގެ ސުލްހައިގެ މަޝްރޫއު ތަންފީޒުކުރަން މަސައްކަތްކުރާނަމަ އިސްރާއީލާއެކު ސޮއިކޮށްފައިވާ އޮސްލޯ އެއްބަސްވުމުން ވަކިވާނެކަމުގެ އިންޒާރު ފަލަސްތީނުން ދީފިއެވެ.
މިއިންޒާރު ދެއްވަމުން ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއްކަމަށްވާ ޑރ. ސައިބު އުރައިގާތު ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވަނީ ޑީލް އޮފް ދަ ސެންޗަރީ އިއްލާންކޮށްގެން އެމަޝްރޫއާ އެއްގޮތަށް ފަލަސްތީނުގެ މައްސަލަ ބައްޓަން ކުރަން ކަމަށާ ނަމަވެސް ޓްރަމްޕްގެ އެ މަޝްރޫއަކީ ފަލަސްތީނުގެ ގައުމީ މަސްލަހަތަށްހުރި ނުރައްކަލެއް ކަމުގައެވެ. އުރައިގާތު މިހެން ވިދާޅުވީ ޑީލް އޮފް ދަ ސެންޗަރީ މަޝްރޫއާ ބެހޭގޮތުން އިސްރާއީލުގެ ވެރިންނާ މަޝްވަރާކުރުމަށް ޓްރަމްޕް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
އުރައިގާތު ވިދާޅުވީ ޑީލް އޮފް ދަ ސެންޗަރީއަކީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށްޓަކައި އިސްރާއީލާއެކު ފަލަސްތީނުން ސޮއިކުރި އޮސްލޯ އެއްބަސްވުމާ މުޅިން ޚިލާފު މަޝްރޫޢެއްކަމަށާ އެ މަޝްރޫއު އިއްލާންކޮށް އެ މަޝްރޫއު ތަންފީޒުކުރަން މަސައްކަތްކުރާނަމަ އޮސްލޯ އެއްބަސްވުމުން ވަކިވުމަށް ފަލަސްތީނުން ނިންމާނެކަމުގައެވެ. ޑީލް އޮފް ދަ ސެންޗަރީ ގެ ސިޔާސީ ބައި އިއްލާން ނުކުރިނަމަވެސް އޭގައި ހިމެނޭ ކަންތައްތައް މިހާރުވަނީ ލީކުވެފައެވެ. ލީކުވެފައިވާ މައުލޫމާތަށް ބަލާއިރު އެއީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ އަދި އޮސްލޯ އެއްބަސްވުމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބިދޭ ހައްގުތައް ގެއްލޭގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއު ބިނާކޮށްފައިވަނީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފައިބާގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމުގެ މައްޗަށް ކަމަށް ފަލަސްތީނުން ބުނެފައިވެއެވެ.
ޑީލް އޮފް ދަ ސެންޗަރީ ގައި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމާއި ފަލަސްތީނުގެ ހައްގުތަކަށް އިސްރާއީލުން އިޢްތިރާފްވުން ވެސް ނުހިމެނޭތީ އެ މަޝްރޫއު ގަބޫލު ނުކުރުމަށް ފަލަސްތީނުގެ ސަރުކާރުން ރަސްމީ ސިފައެއްގައި މިދިޔައަހަރުވަނީ ނިންމާފައެވެ. ޑީލް އޮފް ދަ ސެންޗަރީގެ ސިޔާސީ ބައި އިޢްލާން ނުކުރި ނަމަވެސް މިދިޔަ އަހަރު ބަހްރައިންގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕްގެ ސަރުކާރުންވަނީ އެ މަޝްރޫއުގެ އިގްތިސާދީ ބައި އިއްލާންކޮށްފައެވެ.
އެ މަޝްރޫއުގެ އިގްތިސާދީ ބައި ބިނާވެފައިވަނީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފާބައި އިސްރާއީލުގެ އަޅުވެތިކަމުގައި ފަލަސްތީނު ބާއްވައިގެން ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އިގްތިސާދީ ގޮތުން މިހާރަށްވުރެ ރަނގަނޅުކޮށްދިނުމުގެ މައްޗަށެވެ. ނަމަވެސް ފަލަސްތީނުންވަނީ އެ މަޝްރޫއުގެ އިގްތިސާދީ ބައިވެސް ގަބޫލުނުކުރުމަށް ނިންމައި ބަހްރައިންގައި ބޭއްވި މަހާސިންތާ ބޮއިކަޓްކޮށްފައެވެ. އަދި އިސްރާއީލު ވެރިވެގަނެގެންއުޅޭ ގުދްސަށް، ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އެންބަސީ ބަދަލުކޮށްފައިވާތީ ފަލަސްތީނުންވަނީ ސުލްހައިގެ އެއްވެސް ކަމެއްގައި އެމެރިކާއާ ވާހަކަ ނުދެއްކުމަށް ނިންމާފައެވެ. ނަތީޖާ އެއްގެގޮތުން ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގައި މެދުވެރިއެއްގެ ބައި އަދާކުރުމުގެ ފުރްސަތު އެމެރިކާއަށްވަނީ ގެއްލިފައެވެ.
ޑީލް އޮފް ދަ ސެންޗަރީއަކީ ފަލަސްތީނުގެ ބިމާއި ސިޔާސީ ހައްގުތަކާއި ފަލަސްތީނުގެ ރެފިއުޖީން އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގުވެސް ގެއްލިގެންދާ މަޝްރޫއަކަށްވާތީ އެމެރިކާގެ ބާރާއި ނުފޫޒ ހިނގާ ސައޫދީ އަރަބިޔާ ފަދަ ގައުމަކަށް އެ މަޝްރޫއަށް ފާޅުގައި ތާއީދުކުރަން ކެރިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގައި ޓްރަމްޕް ގެ ސިޔާސަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އެހެންކަމުން ޑީލް އޮފް ދަ ސެންޗަރީ އާބެހޭގޮތުން މަޝްވަރާކުރުމަށް އެމެރިކާއިން ދައުވަތު ދީފައިވަނީ ހަމައެކަނި އިސްރާއީލަށެވެ. މިކަމަށް ޓަކައި ޓްރަމްޕްގެ ދައުވަތަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށާއި އޭނާގެ ސިޔާސީ ވާދަވެރިޔާ ބެނީ ގަންޓްޒް މާދަމާ ވައިޓް ހައުސް އަށް ވަޑައިގަންނަވާނެއެވެ. ފަލަސްތީނާ ވާހަކަ ދެއްކުމުގެ ފުރްސަތު އެމެރިކާއަށް ގެއްލިފައިވާއިރު ހަމައެކަނި އިސްރާއީލާ ވާހަކަ ދައްކައިގެން ފަލަސްތީނުގެ މައްސަލަ ހައްލު ނުކުރެވޭނެކަމާއި ޑީލް އޮފް ދަ ސެންޗަރީ މަޝްރޫއު ތަންފީޒުވެސް ނުކުރެވޭނެ ކަމަށް އޮބްޒާވަރުން ދެކެއެވެ. (ނޫސްއެޖެންސީތައް)