27 Jan 2020, 16:04
ކާބުލް (ޖެނުއަރީ 27): ގިނަ އަދަދެއްގެ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެއް އަފްޣާނިސްތާނަށް ވެއްޓިއްޖެ ކަމަށް އެގައުމުގެ އިސް އޮފިޝަލުންތަކެއް ބުނެފި އެވެ.
އަފްޣާން އޮފިޝަލުން ބުނި ގޮތުގައި މިއަދު އެގައުމުގެ ގަޑިން މެންދުރު އެކެއް ޖަހާކަށްހާ އިރު އެ ބޯޓު ވެއްޓުނީ ހިރާތު ސިޓީން ގަޒްނީއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އަދި ބޯޓު ވެއްޓުނީ ގަޒްނީ ޕްރޮވިންސުގެ ދެހު ޔަކް ޑިސްޓްރިކްޓަށް ކަމަށާއި ބޯޓުގައި އަލިފާން ރޯވި ކަމަށްވެސް އޮފިޝަލުން ބުންޏެވެ.
އެ ހާދިސާގެ ފުރަތަމަ ރިޕޯޓުތަކުގައިވާ ގޮތުން ވެއްޓުނު ބޯޓަކީ އަފްޣާން ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އަރިއާނާ އެއާލައިންސްގެ ބޯޓެކެވެ. ނަމަވެސް އެ އެއާލައިނުން ވަނީ އެ ރިޕޯޓުތައް ދޮގުކޮށްފަ އެވެ.
އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި 83 މީހުން ތިބި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކުރި ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި ޔަގީންވެފައެއް ނުވެ އެވެ.
އަފްޣާނިސްތާނުގެ ޓޯލޯ ނޫހުން ވަނީ ބޯޓު ވެއްޓުނީ ތާލިބާން ޖަމާއަތުން ކޮންޓްރޯލު ކުރާ ސަރަހައްދަކަށް ކަމަށާއި އެސަރަހައްދަށް ސަރުކާރުން އަސްކަރިއްޔާގެ ސްޕެޝަލް ފޯސެސް ފޮނުވާނެ ކަމަށް ބުނެފަ އެވެ.