މަރަދޫ ފޭދޫގެ ނަން ބަދަލުކުރަން ސިޓީ ކައުންސިލުން މަސައްކަތްކުރާ ކަމަށް ބުނެ މަރަދޫފޭދޫގެ ރައްޔިތުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.

ސިޓީ ކައުންސިލްގެ މަރަދޫ މެންބަރު އަބުދުﷲ ތައްޔިބު މިއަދު ވިދާޅުވީ މަރަދޫ ފޭދޫގެ ނަން ބަދަލުކުރަން ބޭނުން ނޫން ކަމަށް ޕެޓީޝަން ހުށަހެޅި މީހުންގެ އަދަދު 600 އަށް ވުރެ ގިނަ ކަމަށެވެ.

ތައްޔިބު ވިދާޅުވީ ސިޓީ ކައުންސިލުން މަރަދޫ ފޭދޫގެ ނަން ބަދަލުކުރަން އުޅެނީ މަރަދޫ އަވަށުގެ ނަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ރަށުގެ ރައްޔިތުން ޕެޓިޝަން ރައީސް އޮފީހަށް ހުށައެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ތައްޔިބު އިތުރަށް ވިދާޅުވީ ތަރައްގީ އަށް ޓަކައި އައްޑޫ ސިޓިގެ ރަށްތަކުގެ ނަން ބަދަލުކުރުން އެއީ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ގޮތުން ކުރީގައި އައްޑު އަތޮޅަށް ނިސްބަތްވާ ހަ ރަށް މިހާރު ހަތަރު އަވަށުގެ ގޮތުގައި ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމާ ފައިވާ ކަމަށެވެ.

އެ ހަތަރު އަވަށަކީ ހުޅުމީދޫ އަވަށާއި، މަރަދޫ އަވަށާއި ފޭދޫ އަވަށުގެ އިތުރަށް ހިތަދޫ އަވަށެވެ.
އޭނާ ވިދާޅުވީ މަރަދޫ ފޭދޫ ބަޔަކު ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅަށް ޕެޓިޝަނެއް ރައީސް އޮފީހަށް ހުށައެޅީ އެ މީހުންގެ އައިޑެންޓިފިކޭޝަން ގެއްލޭ ކަމަށް ބުނެ އެވެ.

"ރަށުގެ އައިޑެންޓިޓީ ގެއްލިގެން ޒުވާނުން މައްސަލަ ޖެއްސީ. އެކަމަކު ތަރައްގީ އަށް ކުރެވޭ މައްސައްކަތުގައި އައިޑެންޓިޓީއަކުން ލިބޭނެ ތަރައްގިއެއް ނޯންނާނެ. އެކަމަކީ ބަދަލުކުރެވޭނެ ކަންތައް،" ތައްޔިބު ވިދާޅުވި އެވެ.

ޕެޓީޝަނާ ގުޅިގެން ދިވެހި ސަރުކާރުން އަންގާވާ ގޮތަކާ މެދު ސިޓީ ކައުންސިލުން އަމަލުކުރާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

ޕެޓިޝަން ހުށައެޅުމުގައި އިސްކޮށް އުޅުނު ފަރާތަކުން ބުނީ އާބާދީގައި 1800 ވަރަކަށް މީހުން ދިރިއުޅޭ މަރަދޫފޭދޫގެ ނަން އުވާލުމަކީ ރަނގަޅުގޮތެއް ނޫން ކަމަށާއި އެމީހުން ބޭނުން ވަނީ މަރަދޫ ފޭދޫގެ ނަމުގައި އެ ރަށުގެ ނަން ބާއްވާން ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގައި އޮންނާނީ ހަތަރު އަވަށް ކަމަށް ކަނޑައަޅައި މަރަދޫފޭދޫ ރައްޔިތުންނާ މަޝްވަރާ ނުކޮށް އެ ރަށުގެ ނަން އައްޑޫ ސިޓީ ކައުންސިލުން ފޮހެލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އެ ރަށުގެ ޒުވާނުންތަކެއް މިދޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީގެ މޭޔަރާ ބައްދަލުކޮށް ވަނީ ކަންބޮޑު ވުން ފާޅުށްފަ އެވެ.
ކުރިން އައްޑު އަތޮޅުގެ ނަމުގައި އޮތް އިރު އެ އަތޮޅުގައި އޮންނަނީ ފޭދޫ އާއި މަރަދޫ ފޭދޫއާއި މަރަދޫ އާއި ހިތަދޫ އާއި ހުޅުދޫ އާއި މީދު އެވެ.