27 Jan 2020, 15:53
އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ، 389 ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލާ ޕާޓީގެ ޓިކެޓް ކަށަވަރުވެފައިވާ ކަމަށް އެމްޑީޕީއިން މިއަދު ބުނެފި އެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އަންނަ ހުކުރު ދުވަހު ބާއްވާ ޕްރައިމަރީގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް މުޅި ޖުމްލަ 1،279 ކެންޑީޑޭޓުން ވަނީ ކުރިމަތިލާފަ އެވެ.
އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން އެމްޑީޕީ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ މެމްބަރު އިބްރާޙިމް މުއިއްޒު ވިދާޅުވީ، އިންތިހާބުގައި 109 ރަށުގެ ތެރެެއިން 93 ރަށުގައި ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.
ރަށު ކައުންސިލަށް 1،099 ކެންޑިޑޭޓުން ކުރިމަތިލި އިރު، 381 ކެންޑީޑޭޓުންނަށް ޓިކެޓް ކަަށަވަރުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި 18 އަތޮޅު ކައުސިލަށް 72 ކެންޑިޑޭޓުން ކުރިމަތިލިއިރު، ދެ ކެންޑޭޓަކަށް ޓިކެޓް ކަށަވަރުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރުން މާލެ ސިޓީގެެ ފަސް ދާއިރާ އާއި ފުވައްމުލަކު ސިޓީ އެއް ދާއިރާގެ ޕްއިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މާލެ ސިޓީން ހެންވޭރު އުތުރު، ގަލޮޅު ހުޅަނގު، މާފަންނު ހުޅަނގު، މާފަންނު ހުޅަނގު-އުތުރު، މާފަންނު ދެކުނުގެ ކައުންސިލް މެމްބަރުކަމުގެ ޓިކެޓް ވަނީ ކަށަވަރުވެފައި. އަދ ފުވައްމުލަކު ސިޓީގެ ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރުކަމުގެ ޓިކެޓްވެސް ވަނީ ކަށަވަރުވެފައި،" މުއިއްޒު ވިދާޅުވި އެެވެ.
"އަތޮޅު ކައުންސިލްގެ ތެރެއިން ހއ. އަދި ފ އަތޮޅު ކައުންސިލަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން ޕްރައިމަަރީ ނޯންނާނެ،"

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: 389 ކެންޑިޑޭޓުންނަށް ޓިކެޓް ވަނީ ކަށަވަރުވެފައި --- ސަން ފޮޓޯ
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، އަދިވެސް ބައެއް ދާއިރާތަކުުގައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާކަމަށެވެ. ނަމަވެސް އަމާޒަކީ އެ ދާއިރާތަކަށްވެސް ކެންޑިޑޭޓުން ނެރުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ އަދަދެއްކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެމްޑީޕީ އިންތިހާބުގައި 389 ކެންޑިޑޭޓުންނަށް ޓިކެޓް ކަށަވަރުވިއިރު، ލޯކަލް ކައުންސިލް އިނތިހާބުގައި އިންތިހާބު ކުރާ ކެންޑިޑޭޓުންގެ އަދަދަކީ، 980 އެވެ. އޭގެ ތެރޭގައި އަންހެނުން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފަ އެވެ.
އިންތިހާބުގައި 73 ޕަސަންޓް ވޯޓުލާނެ ކަމަށް ބެލެވޭ!
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އިންތިހާބުގައި 70 ޕަސަންޓް މީހުން ވޯޓުލާނެ ކަމަށް ބެލެވޭ --- ސަން ފޮޓޯ
އެމްޑީޕީން މިހާރު އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން 93،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ.
އަލީ ނިޔާޒު ވިދާޅުވީ، މި އިންތިހާބަކީ އެ ޕާޓީގެ އެންމެ ގިނަ އާންމު މެމްބަރުންނާ ގުޅޭ އިންތިހާބު ކަމަށާއި އެހެން ކަމުން އިންތިހާބުގައި މިފަހަރު ވޯޓުލާ މީހުންގެ އަދަދު ގިނަ ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލަން 70 ޕަސަންޓް ވޯޓާސް ޓާންއައުޓު. އެއީ ލޯކަން ކައުންސިލް އިންތިހާބަކަށް ވުމުން ސީދާ ރަށްތަކުގެ ތިބި މެމްބަރުންނާ ގުޅޭ އިންތިހާބުކަމުން ވޯޓާސް ޓާންއައުޓް ރަނގަޅުވާނެ ކަމަށް މި ބަލަނީ،" އަލީ ނިޔާޒް ވިދާޅުވި އެވެ.
އެމްޑީޕީ ޗެއާޕާސަންގެ ނައިބުކަންވެސް ކުރައްވަމުން ގެންދަވާ އަލީ ނިޔާ ވިދާޅުވީ، މިފަހަރު އިންތިހާބަކީ ޝަކުވާ މަދު، ރަނގަޅަށް އިންތިޒާމް ކުރެެވިގެން ބާއްވާ އިންތިހާބަކަށް ހަދާނެ ކަމަށެވެ. އެގޮތުން 10 ދާއިރާއަކަށް ބަހާލައިގެން ކޮންމެ ދާއިރާއަކަށް އިސްވެރިޔަކު މިހާރު ހަމަޖައްސައި، އިންތިހާބުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުމަށް އެ 10 މީހުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޭ އިތުރުން އިންތިހާބާ ގުޅޭ ކަންކަން ކުރިން އިއުލާން ކުރެވި، ވެބްސައިޓުގައި އާންމު ކުރުމަކީވެސް އިންތިހާބު ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ބޭފުޅުންގެ [ކޮމިޓީގެ] މަސައްކަތަކަށް ވާނީ، މި ދާއިރާތައް ހިމެނޭ ރަށްތަކުގެ ވޯޓާ ގުޅޭ އެންމެހާ އިންތިޒާމް ހަމަޖެއްސުން. މިސާލަކަށް ވޯޓު ފޮށި ކައިރީ ތިބޭ އޮފިޝަލުން، ވޯތުލާ ދުވަހުގެ އިންތިޒާމްތައް. އަދި ވޯޓުލާ ނިންމުމަށްފަހު، ވޯޓުގެ ނަތިއްޖާ ސެކެޓްރޭޓާ ހިސާބަށް ގެނައުމުގެ އެންމެ މަތީ ޒިންމާ އޮތީ މި 10 ފަރާތާ،" އަލީ ނިޔާޒު ވިދާޅުވި އެވެ.
އެ 10 މީހުންގެ ބެލުމުގެ ދަށުން ކޮންމެ ވޯޓު ފޮއްޓެއްގެ އިސްވެރިއަކު ހުންނާނެ ކަމަށާއި އެމީހުންގެ ނަންތައްވެސް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ނިޔާޒު ވިދާޅުވިގޮތުގައި ޕާޓީގެ މެމްބަރުންގެ އެހިތެރިކަމާއި އެއްބާރުލުމާއެކު މި އިންތިހާބަށް ޕާޓީން ކުރާ ހަރަދު ވަރަށް ކުޑަ ވާނެ ކަމަށެވެ. އެގޮތުން މި އިންތިހާބުގައި 800،000 ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް ހަތަރު ވަނަ ދުވަހު އެވެ.