ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލް ކުރާ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓްރައިބިއުނަލަށް ގާނޫނީ ދާއިރާގެ މެމްބަރަކު އައްޔަނުކުރުމަށްޓަކައި މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެއެއްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ވަނީ ޓްރިބިއުނަލްގެ މެމްބަރުގެ މަގާމުގައި ހުންނަ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާއި ޝަރުތުތައް އާންމުކޮށްފަ އެވެ. އެގޮތުން އެމީހަކީ ގާނޫނީ ދާއިރާގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އިތުރު 14 ޝަރުތެއް އެ މަގާމަށް ކުރިމަތިލާ ފަރާތެއްގައި ފުރިހަމަވާން ޖެހެ އެވެ. އޭގެތެރޭގައި މުސްލިމެެއް ކަމުގައިވުމާއި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ސިވިލް ސާވިސްގެ މުވައްޒަފަކަށް ނުވުން ފަދަ ޝަރުތުތައް ހިމެނެ އެވެ.