ފިރިހެން ގައިދީންނާއި ބަންދު މީހުން ބަންދުކޮށްފައި ތިބޭ ޖަލުތަކުގައި މަސައްކަތް ކުރާނެ ޕްރިޒަން އޮފިސަރުން ހޯދަން އިއުލާނުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އިއުލާންކޮށްފައި ވަނީ 60 ފިރިހެން ޖަލު އޮފިސަރުން ހޯދުމަށެވެ.

ޖަލު އޮފިސަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބޭނީ މަހަކު 6050 ރުފިޔާއެވެ. ނަމަވެސް ޕްރޮބޭޝަން މުއްދަތު ނިމުމާއެކު، ސާވިސް އެލަވަންސާއި އެހެނިހެން އެލަވަންސްތައް ހިމަނައިގެން މަހކު 15،072 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

ޖަލު އޮފިސަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ތައުލީމީ ގާބިލުކަން ހުރުމާއެކު، ފިޒިކަލް ޓެސްޓުން ވާންޖެހޭނެއެވެ. އަދި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ ނުވަތަ އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް ފަރާތެއްކަމުގައި ވެގެން ނުވާނެއެވެ.

އެހެންކަމުން ޕްރިޒަން އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު ފެބުރުއަރީ ނުވައެއް ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިސެޕްޝަނަށް ހުށަހަޅަން ޖެހެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.