03 Dec 2011, 12:15
ރޭ އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސައި ޓެކްސީ ކުރަން އަނބުރާލިތަނާ އެމިރޭޓްސް އެއާލައިންގެ ފުރޮޅުތައް ފަޅައިގެން ގޮސް، ބޯޓް ރަންވޭމަތީގައި ގްރައުންޑްވި ހާދިސާއާ ގުޅިގެން އެއާޕޯޓްގެ އޮޕަރޭޝަން ނުވަ ގަޑި އިރަށް ބަންދު ކުރުމަށް ފަހު މިއަދު ހެނދުނު އޮޕަރޭޝަންސްތައް ފަށައިފި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އިންޑިއާގެ ވިޔަފާރި ކުންފުނީގެ މީޑިއާ އޮފިޝަލް މަހީކާ ޗަންދުރަސޭނާ މިއަދު ވިދާޅުވީ ރޭގެ ހާދިސާ އަށް ފަހު އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓި، ހަތަރު ފްލައިޓެއްގެ ދަތުރުފަތުރަށް ހުރަސްއެޅުނު ކަމަށާއި 700 އާއި 800 ފަސިންޖަރުން އެއާޕޯޓްގައި ތާށިވި ކަމަށެވެ.
ރޭ ފުރުމަށް ހުރަސްއެޅުނު ފްލައިޓްތަކަކީ، މަހީކާ ވިދާޅުވި ގޮތުގައި، އެމިރޭޓްސްގެ އިތުރަށް ސްރީލަންކަންގެ ފްލައިޓަކާއި މެލޭޝިޔަން އެއާލައިންގެ ފްލައިޓަކާއި ސިންގަޕޫރު އެއާލައިންގެ ފްލައިޓެކެވެ.
އެމިރޭޓްސް އެއާލައިނާ ހަވާލާދީ ޖީއެމްއާރުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސި އީކޭ 653 ފްލައިޓްގެ ވާތްފަރާތުގެ ގިއަރުގެ ދެ ފުރޮޅު ފަޅައިގެން ދިޔަ ކަމަށާއި އެއް ވެސް ފަސިންޖަރަކަށް ގެއްލުން ނުވާ ކަމަށެވެ. އަދި ޓްރާންސިޓް ކުރާ ފަސިންޖަރުންނާއި އެ ނޫން ވެސް ފަސިންޖަރުނަށް ބޭނުވާ ގޮތަށް ކަންކަން އިންތިޒާމު ކުރި ކަމަށެވެ.
މަހިކާ ވިދާޅުވީ އެމިރޭޓްސް އެއާލައިންގެ ފަޅައިގެން ދިޔަ ފުރޮޅުތައް ބަދަލުކޮށް އެ ބޯޓް ވެސް މިއަދު ހެނދުނު ފުރާފައިވާ ކަމަށާއި އެމިރޭޓްސް ބޯޓްގެ ފުރޮޅުތައް ބަދަލުކުރީ ރޭ ދަންވަރު ދުބާއީ އިން ޓަޔަރު ބަދަލުކުރާ ޖެކު ގެނެސްގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެއާޕޯޓްގެ ރަންވޭ އަށް ބޮޑެތި ބޯޓްފަހަރަށް ނުޖެއްސޭތީ އެ އިކްވިޕްމަންޓް ގެނައި ދުބާއީ އިން ލަންކާ އަށް، އަދި ލަންކާ އިން ޓްވިން އޮޓާއެއްގައި މާލެ އަށް ކަމަށެވެ.
އެމިރޭޓްސް ފްލައިޓްގެ ޓަޔަރުތައް ފަޅައިގެންދިޔައީ ރަންވޭގެ ކަންޑިޝަންގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަ ޖީއެމްއާރުން ދޮގުކުރެ އެވެ. އަދި މީޑިއާ އޮފިޝަލް ވިދާޅުވީ ރަންވޭ "ހަމަ ފައްކާ" ކަމަށެވެ.
ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓުން ބުނީ ބޯޓް ފަހަރުގެ "ޓަޔާ ބާސްޓް"ވުން ނުވަތަ ފަޅައިގެން ދިޔުމަކީ ކޮންމެ ދުވަހަކު ނުހިނގި އަސް ހިނގާ ކަންކަން ކަމަށާއި އެމިރޭޓްސްގެ މަތިންދާ ބޯޓުގެ ފުރޮޅުފަޅައިގެން ދިޔައީ ރަންވޭގެ މައްސަލައަކުން ކަން އަދި ހޯދިފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއް އުޅޭތޯ ބަލާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ޖީއެމްއާރުން ބުނި ގޮތުގައި ރޭ އެއާޕޯޓް ބަންދުކޮށްފައި އޮތް ނަމަވެސް ވިލާގެ ފްލައިމީގެ ދަތުރުތައް ރޭ ފަތިހު ވެސް ކުރި ކަމަށެވެ.