ޖަލު އޮޑިޓް ކޮމިޝަނުން އެކުލަވާލި ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019ގައި ފާހަގަކޮށްފައިވާ ހުށަހެޅުންތައް އަމަލީ ގޮތުން ތަންފީޒުކުރުމަށާއި، ތަންފީޒުކުރެވޭ މިންވަރު ބެލެހެއްޓުމަށް ހާއްސަ ކޮމިޓީއެއް މިއަދު އެކުލަވާލައިފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އެކުލަވާލި ކޮމިޓީގައި ފަސް މެމްބަރުން ތިއްބަވަ އެވެ. ޖަލު ކޮމިޝަނަރު ވަނީ މިއަދު އެ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައި ހުށަހެޅުންތައް ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތައް ހާއްސަ އިސްކަމެއް ދީގެން ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ ޖަލުތަކުގެ އޮޑިޓު އާންމުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޖަލު އޮޑިޓް އޮޑިޓް ރިޕޯޓުގައި ގައިދީންގެ ދިރިއުޅުމުގެ ފެންވަރާއި، ދެވޭ ސިއްހީ ފަރުވާގެ ފެންވަރާއި، ގައިދީންނަށް ކުރާ ކަމަށް ބުނާ އަނިޔާތަކުގެ ވާހަކަތާއި ކޮރަޕްޝަނުގެ ތުހުމަތުތައް އެކުލެވިގެންވެއެވެ. އެ ކަންތައްތައް ހައްލު ކުރުމަށް އެ ރިޕޯޓުގައި 180އަށް ވުރެ ގިނަ ލަފާތައް ދީފައިވެއެވެ.

އެގޮތުން ޖަލުތަކުގައި ގައިދީންނަށް ލިބެން ޖެހޭ ބައެއް ހައްގުތައް ފުރިހަމަ ނުވާ ކަމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ދިވެހި ބައެއް ޖަލުތައް ނުފެތޭކަމަށް އޮޑިޓުގައިވެއެވެ.

އަދި ޖަލުތަކަށް ގެންނަ ދައުލަތުގެ އިސް މަގާމުތައް އަދާކޮށްފައި ތިބި މީހުންނާއި އާދައިގެ މީހުންނަށް އަސާސީ ހިދުމަތްތައް ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށާއި، އެއީ ޖަލުތަކުގައި ހުންނަން ޖެހޭ މިންގަނޑު ކަނޑައަޅާ މަންޑޭލާ ރޫލްސްއާ ހިލާާފު ކަމަކަށް ވާތީ، ރިޕޯޓު އާންމު ކުރާތާ 15 ދުވަހުގެ ތެރޭގައި އެކަންކަން އިސްލާހުކުރަން ވަނީ ލަފާދީފައެވެ.

މީހެ އިތުރުން ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރާ ކަމާއި، ސާފުތާހިރުކަން ކުޑަވުމާއި ސިއްހީ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް ހާސިލު ކުރުމަށް އަދި، ޖަލުތަކުގެ ފެންވަރު ވަކި ވަރެއްގައި ހިފެހެއްޓުމަށް ވެސް ރިޕޯޓުން ހައްލެއް ހުށަހަޅާފައިވެއެވެ. އެއީ ކޮންމެ ޖަލެއްގައި ކޮލިޓީ ބަލަހައްޓާ ޑިޕާޓްމެންޓެއް ގާއިމް ކުރުމެވެ. ހަ މަސް ދުވަހުގެ ތެރޭގައި އެފަދަ ޑިޕާޓްމެންޓެއް ކޮންމެ ޖަލެއްގައި ގާއިމް ކުރުމަށް ލަފާދީފައިވެއެވެ.

އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، އިސްލާހުކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި، އިސްލާހުތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.