ވިލިމާލޭގައި ހުންނަ ކުޑަ ކުދިންގެ ބަލަހައްޓާ މަރުކަޒު، ކުޑަ ކުދިންގެ ހިޔާ ހިންގުން ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރަކާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

ކުޑަކުދިންގެ ހިޔާގެ އިސްވެރިޔަކަށް މީގެ ކުރިން ހުންނެވީ، އަބްދުއްޝުކޫރު އަބްދުލް ހަކީމް އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެމަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ ވަނީ ވަގުތީ ގޮތުން ދުރުކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ކުޑަ ކުދިންގެ ހިޔާ މިހާރު ހިންގަނީ މިނިސްޓްރީގެ ޑިރެކްޓަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެއީ ސިވިލް މުވައްޒިފަކަށް ވުމުން އެމީހާގެ ނަމެއް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.

ކުރިން އެ މާގާމުގައި ހުންނެވި އަބްދުއްޝުކޫރޫ އޭނާގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ، ހިއުމަން ރައިޓްސް ކޮމީޝަން (އެޗްއާރުސީއެމް) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ ކޮމިޝަންގެ އެންގުމަށް ކަމަށް އޭރު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމް އިން ބަލަމުންދާ މައްސަލައިގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ހާމައެެއް ނުކުރެ އެވެ.

ކުޑަކުދިންގެ ހިޔާ އިން ބަލަހައްޓަނީ 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ. ތޭރަ އަހަރުން ދަށުގެ ކުދިން ބަލަހައްޓަމުން އަންނަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތިންނެވެ.