27 Jan 2020, 10:06
ދިވެހި އާއިލާއެއްގެ އެހީތެރިކަމާ އެކު، ރާއްޖޭގެ އެހީދޭ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، (އައިއޭސީ) އިން ބަންގްލަދޭޝްގެ ފަގީރު އަވަށެއްގައި ފެން ވަޅެއް ގާއިމުކޮށްދީ، އެ އަވަށުގެ މީހުންނަށް ސާފު ފެން ލިބޭނެ ގޮތް ހަދައިދީފި އެވެ.
އައިއޭސީން ބުނީ، ގާތްގަނޑަކަށް 350 އެއްހާ މީހުން ދިރިއުޅޭ އަވަށުގައި ފެންވަޅެއް ގާއިމުކުރަން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ސ. މަރަދޫ، ވީނަސްވިލާ އާއިލާގެ ފަރާތުން ކަމަށެވެ.
އައިއޭސީން ފެންވަޅެއް ގާއިމުކޮށްފައި ވަނީ ބަންގްލަދޭޝްގެ ކުލްނާ ޑިސްޓްރިކްޓުގެ ކޮއިރާ އަވަށުގައި ހުންނަ އަމީނިޔާ އެބްތަދަޔާ މަދްރަސާ ކައިރީގަ އެވެ.

ދިވެހި އާއިލާއެއްގެ އެހީތެރިކަމާ އެކު ބަންގްލަދޭޝްގެ އަވަށެއްގައި ގާއިމުކުރި ފެންވަޅު -- ފޮޓޯ/އައިއޭސީ
އެ ޖަމިއްޔާއިން ބުނީ އެ ފެން ވަޅުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ 150 ކިޔަވާ ކުދިންނާއި 200 އެއްހާ ރައްޔިތުންނަށް ސާފު ބޯފެން ލިބިގެންދާނެ ކަމަށެވެ.
އެ އަވަށުގެ މީހުންނަކީ ސާފު ބޯފެން ހޯދަން ދިގު ދަތުރުކުރަން ޖެހޭ ބައެކެވެ. އެހެންކަމުން މި ފެން ވަޅާއެކު އެމީހުންނަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް އައިއޭސީން ބުންޏެވެ.
މިއީ އައިއޭސީން ގާއިމުކޮށްދިން ފުރަތަމަ ފެން ވަޅެވެ. ނަމަވެސް އެ ޖަމިއްޔާ އިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން ތުރުކީގެ ޖަމްއިއްޔާއެއް ކަމުގައިވާ އިންސާނީ ޔަރްދިމް ވަކްފީ (އިހާހާ) އާއި އިންޓަނޭޝަނަލް އެންޖީއޯއެއް ކަަމަށްވާ އޮލިވް ގްރޯވް ފައުންޑޭޝަން އަދި އައިއޭސީ ގުޅިގެން މީގެ ކުރިން ވަނީ ސީރިއާގައި ސްކޫލެއް ވެސް ހުޅުވައިފަ އެވެ.
އަދި އެ ޖަމިއްޔާ އިން ކުރިއަށް ގެންދިޔަ "މަސްދަޅު ހަދިޔާ" ކެމްޕޭނަށް ލިބުނު 86،400 މަސްދަޅު އަންނަ ފެބުރުއަރީގައި ސީރިއާގެ ހާލުގައި ޖެހިފައި ތިބި މީހުންނަށް ބަހާނެ އެވެ.

"ސާވައިވިން ވިންޓާ" ކެމްޕޭން -- ފޮޓޯ/އައިއޭސީ
އަދި ފިނި މޫސުމުގައި އިސްލާމީ އެކިގައުމުތަކުގައި އުޅޭ މީހުންނަށް އެހީވާން "ސާވައިވިން ވިންޓާ"ގެ ނަމުގައި އެ ޖަމިއްޔާ އިން އަންނަނީ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ.
އެ ކެމްޕޭންގެ ދަށުން ހަތަރު ގައުމަކަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިރު، ތަކެތި ލިބެމުންދާ ވަރަކަށް އެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.