ބެއިޖިންގް (27 ޖަނަވަރީ 2020): ޗައިނާއިން ފެނިފައިވާ ކޮރޯނާ ވައިރަސްއާ ދެކޮޅަށް މިހާރު ދޭން ފަށާފައިވާ ފަރުވާ ކާމިޔާބު ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާގެ ސިއްހަތާބެހޭ އިދާރާތަކާ ހަވާލާދީ އެގައުމުގެ ޒިންހުވާ ނޫސް އެޖެންސީ ބުނީ ކޮރޯނާ ވައިރަސްއާ ދެކޮޅަށް ފުރަތަމަ ދޭންފެށި ބޭސްތަކުން މާބޮޑު އަސަރެއް ނުކުރި ނަމަވެސް ގިނަ ބޭސްތަކެއް އެކުލެވޭގޮތަށް މިހާރު އަލަށް ދޭން ފަށާފައިވާ ފަރުވާ ކާމިޔާބު ކަމަށާއި އަލަށް ދޭންފެށި ބޭސްތަކާއެކު އެ ރޯގާ ޖެހިފައިވާ މީހުން ގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. މިހާރު ދޭ ބޭސްތަކަކީ ޗައިނާގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި ތަޖްރިބާތަކާއި ރިސާޗް ތަކެއްގެ އަލީގައި ބޭނުންކުރަންފެށި ބޭސްތަކެއްކަމަށްވެސް ޒިންހުވާއިން ބުންޏެވެ.

އަލަށް ދޭންފެށި ފަރުވާއާއެކު ބަލި ކޮންޓްރޯލް ކުރެވޭނެކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށާއި ނަމަވެސް މިއީ ކޮރޯނާ ވައިރަސް އަށް ހާއްސަކޮށްގެން އުފެއްދި ބޭސްތަކެއް ނޫންކަމަށް މައުލޫމާތު ލިބެ އެވެ. ޗައިނާ އިން އެންމެ އިސްކަމެއްދެނީ މި ވައިރަސް ފެތުރުން ހުއްޓުވުންކަމަށް ޗައިނާގެ މަސްއޫލުވެރިންނާ ހަވާލާދީ ޒިންހުވާއިން ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑައިރެކްޓަރ

އަނެއްކޮޅުން ޗައިނާއިން ފެނިފައިވާ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާގެ ޑައިރެކްޓާ ޓެޑްރޮސް އަދަނޮމް މިހާރުވަނީ ބެއިޖިންގް އަށް ވަޑައިގަތުމުގެ މަގުމަތީގަ އެވެ.

އަދަނޮމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާއަށް އެއްބާރުލުން ދިނުމަށް ޑަބްލިޔޫ އެޗް އޯއިން މަސައްކަތްކުރާނެ ކަމަށާއި އޭނާ އުޅުއްވަނީ ޗައިނާއަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށެވެ. މި ދަތުރުފުޅު ބިނާވެފައިވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާގެ މަސްއޫލުވެރިންނާ މަޝްވަރާކުރުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ޗައިނާގައި 1975 އަށް އަރާފައިވާއިރު އެ ރޯގާ ޖެހިގެން 56 މީހުން މަރުވިކަން ޗައިނާއިންވަނީ ރިޕޯޓްކޮށްފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ގެ އައު ވައްތަރަކީ އަދި ބޭހެއް އުފެއްދިފައިނެތް އައު ރޯގާ އަކަށް ވުމާއެކު، އެ ރޯގާ ޖެހިގެން މީހުން މަރުވުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށް ޑަބްލިޔޫ އެޗް އޯ އިން ބުނެ އެވެ.

ޗައިނާގެ އިތުރުން ދުނިޔޭގެ އެތަށް ގައުމެއްގައި މި ރޯގާ އަށް ބޭސް އީޖާދުކުރުމުގެ ރީސާޗްތައްވަނީ ފަށާފަ އެވެ. ޗައިނާގެ އިތުރުން އެތަށް ގައުމަކަށް ކޮރޯނާ ވައިރަސް މިހާރު ފެތުރިފައިވާއިރު ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އެއާޕޯޓްތަކުގައި ވަނީ މި ރޯގާ ފެތުރުން ހުއްޓުވުމަށްޓަކައި ހާއްސަ ފިޔަވަޅުތައް އަޅަންފަށާފަ އެވެ. (ނުސް އެޖެންސީތައް)