ރާއްޖެއަށް ދައްޗެއް ވުމުން އެންމެ ފުރަތަމަ ޖަވާބުދޭ އެކުވެރިޔަކީ އިންޑިއާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ހިންދީ ބަހުން ވާހަކަފުުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑީއާ ކަނޑުގެ ލޮނުގަނޑުން ދެ ގައުމު ވަނީ ގުޅި ލާމެހިފައި ކަމަށެވެ.

"ރާއްޖެއަކީ އިންޑިއާ ކަނޑުގެ ހިތަށް ވާނަމަ އިންޑިއާއަކީ ވަރަށް މުހިއްމު ތަނަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.

އަދި ދެގައުމުގެ ދެމެދުގައިވާ ގުޅުން ވަރުގަދަކޮށް އިތުރަށް ތަރައްގީކުރަން ބޭނުންވާނަމަ ދެގައުމުން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުން މިހާތަނަށް އެހާ ވަރުގަދަ ވެފައިވަނީވެސް ދެގައުމުން ގުޅިގެން ކުރަމުން ގެންދިޔަ އަދި ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ދެމެދުގައި އޮތް ގުޅުމަކީ އިތުބާރާއި އެތައް އަހަރުތަކެއްގެ އެކުވެރިކަމަށް ބިނާވެފައިވާ ގުޅުމެއް. އަދި ރާއްޖެއިން އަބަދުވެސް މި އެކުވެރިކަން ދަމަހައްޓާނެ،" އޭނާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ދެގައުމުގެ ދެމެދުގައި ގުޅުން ވަރުގަދަ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ރާއްޖެ ކުރިއެރުވުމަށްޓަކައި އިންޑިއާއިން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށްވެސް ސުދީރު ފާހަގަކުރެއްވިއެވެ.

ސުދީރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް އިންޑިއާއިން ބައެއް ކަހަލަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ދާއިރާތައް ތަރައްގީކުރުމަށްޓަކައި 2018 އަށް ފަހުގައި ދެގައުމުގެ ދެމެދުގައި 18 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.