އަންނަ އަހަރުގެ ޖޫން ޖުލައި ހިސާބުގައި މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް]އޯޕީޕީ[ އިން ބުނެފި އެވެ.

އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްގެ އޮފިސާ އިންޗާޖް އަންވަރު އަލީ މިއަދު ވިދާޅުވީ އިމާރާތުގެ ބެކް ފިލިން މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް ފުރަތަމަ ޝީޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އަންވަރު އިތުރަށް ވިދާޅުވީ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ރާއްޖޭގެ ބާޒާރުން ލިބުމުގައި ދަތިކަން ހުރިގޮތުން ދެ ހަފްތާ ވަންދެން މަސައްކަތް މެދުކެނޑުމަށް ފަހު ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު މިދިޔަ ހަފްތާ ތެރޭގައި އަލުން މަސައްކަތް ފަށައިފައިވާ ކަމަށެވެ. އަދި މިހާރު ދެ ޝިފްޓަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިރާސީ އާ އަހަރުގެ ދެވަނަ ސެމިސްޓާގެ ކިޔެވެން ފެށެންވާ އިރަށް އިމާރާތްކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލު ކުރިން ހަވާލުކޮށްފައި ވަނީ މާލާ ހައިރައިޒިންއާ އެވެ. ނަމަވެސް އެ ކުންފުންޏަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެގެން މަސައްކަތް ހުއްޓާލުމަށް ފަހު އަލުން މި ޕްރޮޖެކްޓު އެވޯޑުކޮށްފައި ވަނީ 28 މިލިއަން ރުފިޔާ އަށް ނުވަ މަސްތެރޭގައި ނިންމުމަށް އެލްއެފް ކޮންސްޓަރަކްޝަނާ އެވެ.

އަލަށް އަޅާ އެ އިމާރާތަކީ އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް ބާވެ ހަލާކުވުމާ ގުޅިގެން ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ 28 ކްލާސްރޫމް ހިމެނޭ ހަތް ބުރީގެ އިމާރާތެކެވެ.